ޕޯޗުގަލްގެ އޮޑެމީރާ އަވަށުގައި ހޫނު ގަދަވުމުގެ ސަބަބުން ރޯވި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ޕޯޗުގަލްގައި މިހާރު ހިނގަމުންދާ އަލިފާނުގެ ކާރިސާތަކަކީ ހޫނު ގަދަވުމުގެ ސަބަބުންނާއި އެކިއެކި މޫސުމީ ބަދަލުތަކުގެ ސަބަބުން ހިނގަމުން އަންނަ ކަންކަން ކަމަށް އެ ގައުމުގެ މޫސުމީ އިދާރާ އާއި ކަމާއި ގުޅުން ހުރި ތަޖުރިބާކާރުން ދަނީ ބުނަމުންނެވެ.

އަލިފާން ނިއްވުމުގެ ކަންކަމުގައި އިސްކޮށް އުޅޭ ފަޔާ މަނުން ބުނާ ގޮތުގައި ވައިގެ ޒަރިއްޔާއިން (ހެލިކޮޕްޓާ ބޭނުންކޮށްގެން) ނޫނީ އަލިފާންގަނޑު ނިއްވުމަކީ ނާދިރު ކަމެކެވެ. މީގެ އިތުރުން މިހާރު އަލިފާންގަނޑު ފެތުރެމުން އަންނަ ހިސާބުތަކުގައި އަލިފާން ފެތުރޭނެހެން ހީވާ ބޮޑެތި ގަސްތަކާއި އަދި ވައިގެ ޒަރިއްޔާއިން އަލިފާންގަނޑު ދާ ހިސާބުތަކުގައި އަލިފާން ނިއްވާ އުޅަނދުތަކާއި އާލާތްތައް ބަދަލުކޮށްގެން ނޫން ގޮތަކަށް އަލިފާން ނިއްވާ ނުލެވޭނެ ކަމަށް ބުނެފައި ވެއެވެ.

މި އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި 800 އަށްވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

މި އަލިފާންގަނޑުގެ ސަބަބުން އެކި ގޮތްގޮތަށް ތާށިވެ ގޮތްހުސްވެފައިތިބި 1400 އަށްވުރެ ގިނަ މީހުން ސަލާމަތްކޮށްފައިވެއެވެ. މި މީހުން ސަލާމަތްކުރުމުގެ ތެރޭގައި މަދުވެގެން ނުވަ ފަޔާ މަނުންނަށް ވަނީ އެކިއެކިވަރުގެ އަނިޠާތައް ލިބިފައެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ޖެހެމުން އަންނަ ގަދަ ވައިގެ ސަބަބުން އަލިފާންގަނޑު އެކިއެކި ދިމާލަށް ފެތުރި އަލިފާންގަޑުގެ ބޮޑެތި ގެއްލުން ތަކެއް ޕޯޗުގަލްގައި އެންމެ ފޯރީގައި ޓުއަރިޒަމް ކުރިޔަށް ދާ ހިސާބަށް ވަނީ ކޮށްފައެވެ.

2022 ވަނަ އަހަރު ޕޯޗުގަލްގައި ވަކިން ހާއްސަކޮށް ގަދަ ހޫނުގެ މޫސުމެއް ކުރިމަތިވެ، ގާތްގަނޑަކަށް 105،000 އަކަމީޓަރުގެ ބިން އަނދާފައިވެ އެވެ. އެންމެބޮޑު އަލިފާނުގެ ހާދިސާއެއް ހިނގާފައިވަނީ ސެންޓްރަލް ޕޯޗުގަލްގެ ސެރާ ޑާ އެސްޓްރެލާގައެވެ.