ޕޯޗުގަލް ގެ ގައުމީ ޓީމުން މުބާރާތުގެ ފުރަތަމަ މެޗަށް ތައްޔާރުވަމުންދާއިރު ޓީމުގެ ކެޕްޓަން، ކްރިސްޓިއާނޯ ރޮނާލްޑޯ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް ޕޯޗުގަލްގެ ރޫބަން ނެވެސް ބުނެފިއެވެ.

37 އަހަރުގެ ރޮނާލްޑާ ހުރީ އޭނާގެ އެންމެ ރަނގަޅު ފޯމްގައި ނޫންކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ވޮލްވްސްގެ މިޑް ފީލްޑަރު ނެވެސް ވަނީ ރައްދުކޮށްފައެވެ. އޭނާ ބުނެފައިވަނީ ތަމްރީނުތަކުގެ ތެރޭން މިހާރުވެސް ފެންނަނީ ހަމަ ކުރީގެ ރޮނާލްޑޯ ކަމަށެވެ.

"ތަމްރީނުތަކުން އަހަންނަށް ފެންނަ ގޮތުގައި ރޮނާލްޑޯ ހުރީ ހަމަ އެންމެ ރަނގަޅު ފޯމްގައި." މިފަހަރުގެ މުބާރާތް ކުރިއަށްދާ ގަތަރުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ނެވެސް ބުނެފައިވެއެވެ.

"ރޮނާލްޑޯ އާއި ހެދި އަހަރެމެން އެއްވެސް ވަރަކަށް ހާހެއް ނުވޭ. ގޭމް އޮންނަ ދުވަހު ޓީމުގެ ކޮންމެ މެމްބަރެއްގެ ހުނަރުވެސް ދައްކާލުމަށް، ޓީމެއްގެ ގޮތުގައި އަހަރެމެންނަށް ވަރަށް ރަނގަޅަށް އެނގޭ އަހަރެމެން މަސައްކަތް ކުރަންވީ ކޮން ކަންތައްތަކަކަށް ކަން." ނެވެސް ބުނެފައިވެއެވެ.

އަދި ޓީމެއްގެ ގޮތުގައި ޕޯޗުގަލްއިން ރަނގަޅު ކުޅުމެއް ދައްކައިފިނަމަ، ރޮނާލްޑޯގެ ފަރާތުން އެއަށްވުރެ މާ ފުރިހަމަ ކުޅުމެއް ފެންނާނެކަމަށްވެސް ނެވެސް ވަނީ ބުނެފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުންވަނީ އޭނާއަށް އޮޅުވާލާފައިކަމަށާއި ޔުނައިޓެޑުން އޭނާ ބޭރުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްބުނެ މިފަހުން ރޮނާލްޑޯ ޕިއާސް މޯގަންއަށް ދިން އިންޓަރވިއުގެ ސަބަބުން ޕޯޗުގަލްގެ ޓީމުގެ ތެރޭގައި އެއްވެސް މައްސަލައެއް ނޫޅޭކަމަށް ނެވެސް ބުނެފައިވެއެވެ. އޭނާ ބުނެފައިވަނީ އެކަމަކީ ގައުމީ ޓީމާއި ބެހޭ ކަމެއް ނޫންކަމުގައެވެ.

އެކަމާއި ބެހޭގޮތުން ޕޯޗުގަލްގެ ކުޅުންތެރިންނަށް ވަރަށް ގިނަ ސުވާލުތައް އަމާޒު ވާ ކަމަށްވެސް ނެވެސް ބުނެފައިވެއެވެ. ނަމަވެސް އޭނާ ބުނެފައިވަނީ އެމީހުންގެ ތެރެގައި އޮތީ ހަމަ ވަރަށް ރަނގަޅު މާހައުލެއް ކަމަށެވެ.

ބަނޑުގެ މައްސަލަތަކަކާއި ހެދި މިދިޔަ ބުރާސްފަތި ދުވަހު ނައިޖީރިއާ އާއި ދެކޮޅަށް ލިސްބަންގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި ރޮނާލްޑޯ ފެނިފައެއްނުވެއެވެ. ނަމަވެސް އިއްޔެ ޕޯޗުގަލްގެ ޓީމުގެ ކުޅުންތެރިންނާއެކު ތަމްރީންތަކުގައި ރޮނާލްޑޯ ވަނީ ބައިވެރިވެފައެވެ.

މިފަހަރުގެ ވޯލްޑްކަޕްގައި ޕޯޗުގަލް މިފަހަރު އޮތީ ގާނާ، އުރްގުއޭ އަދި ދެކުނު ކޮރެއާ އާއި އެކު ގްރޫޕް އެޗްގައެވެ. ޕޯޗުގަލްގެ ފުރަތަމަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ނުކުންނާނީ ގާނާއާއި ދެކޮޅަށެވެ.