ޕޯޗްގަލްގެ ވެރިރަށް ލިޒްބަންގައި ހުންނަ އިސްމާއީލީ ސެންޓަރެއްގެ ތެރޭ ވަޅި ޖަހައި ދެއަންހެނުން މަރާލައިފިއެވެ. މިސެންޓަރަކީ ޝީއީ މުސްލިމުން ނަމާދު ކުރުމަށާއި ދީނީ އެއްވުންތައް ބާއްވަން ހަދާފައި ހުންނަ ސެންޓަރެކެވެ. މިސެންޓަރު ހުންނަނީ ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ކްލަބް ބެންފީކާގެ ސްޓޭޑިއަމް ކައިރީގައެވެ.

ޕޯޗްގަލްގެ ފުލުހުން ބުނާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ބޮޑު ވަޅިއެއް ހިފައިގެން ހުރި ފިރިހެނަކު އިސްލާމިކް ސެންޓަރުގެ އެތެރެއަށް ވަދެއެވެ.

ވަޅިން ހަމަލާ ދިން މީހާ މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރު ކުރީ ސެންޓަރުގެ ތެރެއަށް ވަދެ ވަޅިން ހަމަލާދޭ ކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ދިޔަ ފުލުހުންނެވެ. ފުލުހުން އޭނާ ހުއްޓުވަން ވެގެން އޭނާގެ ގަޔަށް ބަޑި ޖެހިއެވެ. ނަމަވެސް ފުރާނައަށް ނުރައްކާވަރުގެ އަނިޔާއެއް އޭނާއަށް ލިބިފައި ނުވާ ކަމަށާއި އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

މިހަމަލާގައި މަރުވެފައި ވަނީ 49 އަހަރުގެ އަންހެނަކާއި 24 އަހަރުގެ އަންހެނެކެވެ. މަރުވި ދެމީހުންނަކީ ވެސް ސެންޓަރުގައި ވަޒީފާ އަދާކުރާ އެތަނުގެ ދެމުވައްޒަފުންނެވެ.

މިހަމަލާ ދިނީ އަފްޣާނިސްތާނުން ޕޯޗްގަލްއަށް ހިޖުރަކޮށްފައިވާ މީހެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާގެ ކައިވެނި ވަނީ ދާދިފަހުން ރޫޅިފައި ކަމަށާއި އޭނާގެ ތިން ދަރިން ތިބޭ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ފުލުހުން ބުނީ މިހަމަލާއަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ބެލެވޭ ކަމަށާއި ނަމަވެސް މިއީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނިންމޭނީ ހަމަލާ ދިން ސަބަބު ކަށަވަރު ކުރެވުމުން ކަމަށެވެ. ހަމަލާ ދިން ސަބަބު ދެނެގަންނަން ފުލުހުން މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ޕޯޗްގަލްގެ ބޮޑުވަޒީރު އެންޓޯނިއޯ ކޮސްޓާ ވަނީ ހަމަލާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިއާ ވިދާޅުވެފައެވެ. އޭނާ ވެސް ވިދާޅުވީ ހަމަލާ އާއި ގުޅޭ ގޮތުން އިތުރު އެއްޗެއް ދަންނަވަން އެނގޭނީ ފުލުހުންގެ ތަހްގީގު ކުރިއަށްދާ މިންވަރަކުން ކަމަށެވެ.