ޕޯޗުގަލްގެ ހެލްތު މިނިސްޓަރު މާތާ ޓެމިޑޯ އަންގާރަ ދުވަހު އިސްތިއުފާ ދެއްވައިފިއެވެ.

އޭނާ އިސްތިއުފާ ދެއްވާފައި ވަނީ އިމަޖެންސީ އޮބްސްޓެޓްރިކް ހިދުމަތްތައް ވަގުތީ ގޮތުން ބަންދުކުރަން ނިންމުމާއި، އަދި އިންޑިއާގެ މާބަނޑު އަންހެނަކަށް ފަރުވާ ނުލިބިގެން މަރުވި ފަހުން ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.

ޕޯޗުގަލްގެ ނެޝަނަލް ޕަބްލިކް ބްރޯޑްކާސްޓަރ އާރްޓީޕީ ނިއުސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެމިޑޯގެ އެ އިސްތިއުފާ ބޮޑުވަޒީރު ވަނީ ގަބޫލުފުޅު ކުރައްވާފައެވެ.

އޭނާ އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ ލިސްބަންގައި މާބަނޑު އަންހެނަކު މަރުވި ހަބަރު ލިބުނުތާ ފަސް ގަޑިއިރު ފަހުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އިންޑިއާގެ މާބަނޑު އަންހެނަކު މަރުވީ ނިއޯނޭޓޮލޮޖީ ޔުނިޓް ފުލްވެފައި ހުރުމުން ސަބަބުން ހޮސްޕިޓަލް ޑި ސަންޓާ މާރިއާ އިން ހޮސްޕިޓަލް ސައޯ ފްރެންސިސްކޯ ޒެވިއާއަށް އެ މީހާ ބަދަލު ކުރި ފަހުންނެވެ.

އާރްޓީޕީ ނިއުސްއިން ރިޕޯޓްކުރާ ގޮތުގައި އެމްބިއުލާންސްގައި އެ މީހާ ހޮސްޕިޓަލް ޑި ސަންޓާ މާރިއާއަށް ކުރި ދަތުރުގައި ކާޑިއޯރެސްޕިރޭޓަރީ އެރެސްޓަކަށްވެސް ދިޔައެވެ.

ސައޯ ފްރާންސިސްކޯ ޒެވިއާ ހޮސްޕިޓަލުގައި ހުންނަ ސެންޓްރޯ ހޮސްޕިޓަލާ ޔުނިވާސިޓީރިއޯ ލިސްބޯ ނޯޓޭ (ސީއެޗްޔޫއެލްއެން) އިން ބުނި ގޮތުގައި މާބަނޑު އަންހެން މީހާ "އަވަސް ސިޒޭރިއަން ހަދަން ހުށަހެޅިއެވެ.

އަދި އެ އަންހެން މީހާގެ ސިޒޭރިއަންއެއް ހަދައި، ދަރިފުޅު ސަލާމަތްކޮށްފައި ވެއެވެ. އެ ކުއްޖާގެ ހާލު ރަނގަޅު ކަމަށް ވެއެވެ.

އެ އަންހެން މީހާ މަރުވީ ހޮސްޕިޓަލްގެ އައިސީޔޫގައި އޮއްވާއެވެ.

މިކަން މިހާރު ކަމާއި ގުޅުން ހުރި އިދާރާތަކުން ވަނީ ބަލަން ފަށާފައެވެ.

ޕޯޗުގަލްގައި ސިއްހީ ހިދުމަތްތެރިން މަދެވެ. ހާއްސަކޮށް އަންހެނުންގެ ބަލިތަކަށް ހާއްސަ އަދި އޮބްސްޓެޓްރިކްސް އަށް ހާއްސަ ސިއްހީ ހިދުމަތްތެރިން މަދު ކަމުގެ ޝަކުވާތައް އިވޭ ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ގޫޑް ޖޮބް

    މިގައުމުނަމަ އެއަށްވުރެ މިނިސްޓަރަށް އިތުރު މަޤާމެއް ބޮޑު މުސާރައާއެކު ހަވާލު ކުރަނީ. މިޤައުމުގެ ބޮޑުން ޒިންމާ ނަގާގޮތަކީ އެއީ. ބީތާވެފަތިބި ވެރިންނޭ ދުނިޔޭގެ ގައުމުތަކުން އެބައެއްގެ ބެލުމުގެ ދަށުގައި ހިނގާތަންތަނުގެ އިހުމާލުން ހާދިސާއެއް ހިނގައިފިނަމަ ޒިންމާ ނަގާގޮތް ތިޔަ ލޯތަކަށް ނުފެނޭތަ؟ ނީވޭތަ؟

    14
  2. ރެފްރީ

    ދިވެހިރާއްޖޭގާނަމަ ކިތަންމެވަރެއްވިއަސް ލިބިއްޖެވަޒީފާއެއް ދުލެއްނުކުރާނެ !!

    14
  3. ބީޕީ

    މިތާނގަވެސް ވެންޓިލޭޓަރު މައްސަލައާ އޮކްސިޖަންމައްސަލާގަ އަމީން ޒިންމާ ނަންގަވާފަ އިސްތިއުފާދެއްވިނޫންތޯ!