އިނގިރޭސިވިލާތުގެ ޓޮޓެންހަމް ހޮޓްސްްޕާސް އިން ސްވިޑެންގެ މަޝްހޫރު ފުޓްބޯޅަ ކުަޅުންތެރިއާ ޒްލަޓަން އިބްރަހިމޮވިޗަށް ފުރުސަތެއް ނެތް ކަމަށް އެކްލަބުގެ ކޯޗުކަމާއި ދާދި ފަހުން ހަވާލުވި ހޯސޭ މޮރީނިއޯ ބުނެފި އެވެ.

އެމެރިކާގެ މޭޖާ ލީގުގައި އެލްއޭ ގެލެކްސީ އާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމާއި ގުޅިގެން މިވަގުތު ފްރީ އޭޖެންޓެއްގެ ގޮތުގައި ހުރި އިބްރަހިމޮވިޗާއި ބެހޭގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އިބްރަހިމޮވިޗް ޓޮޓެންހަމަށް ގެންނަންވީ އެއްވެސް ސަބަބެއް އޭނާ އަށް ނުފެންނަ ކަށެވެ. އަދި ޓޮޓެންހަމްގެ އެޓޭކް ފޯސް ލީޑު ކުރުމުގައި ހުރި އިންގްލަންޑުގެ ކެޕްޓަން ހެރީ ކެން އަކީ މިވަގުތު އެގައުމުގައި ކުޅެމުން އަންނަ އެއްވަނަ ސްޓްރައިކަރު ކަމަށާއި ހެރީ ކޭން ހުރި ކްލަބަކަށް އިބްރަހިމޮވިޗް ގެނައުމުން ކްލަބަށް އޭގެ ސަބަބުން އިތުރަށް ވާނެ އެއްވެސް ފައިދާ އެއް ނޯންނާނެ ކަމަށެވެ.

"މިޓީމަށް އިންގްލަންޑުގެ އެއްވަނަ ސްޓްރައިކަރު ކުޅެނީ. ހެރީ ކޭން އަކީ ދުނިޔޭގެ އެންމެ މޮޅު ތިން ސްޓްރައިކަރުންގެ ތެރޭ ހިމެނޭ ކުޅުންތެރިއެއް. އެހެންކަމުން ކޭން ހުއްޓާ އުމުރުން މިހާރު 38 އަހަރުގެ އިބްރަހިމޮވިޗް މި ކްލަބަށް ގެނައުމުން އެކަން އެއްވެސް ވަރަކަށް ހަމަނުޖެހޭ ހެން އަހަންނަށް ހީވަނީ. ޒްލަޓަން އަށް މިކްލަބުން މިވަގުތު ނެތް ފުރުސަތެއް" މޮރީނިއޯ ބުންޏެވެ.

ޓޮޓެންހަމްގެ ކޯޗުގެ ގޮތުގައި މޮރީނިއޯގެ ފުރަތަމަ މެޗުން އެޓީމް ވަނީ ވެސްޓް ހަމް ޔުނައިޓެޑާއި ވާދަކޮށް މޮޅުވެފައެވެ.

އެ މެޗައްފަހު ވާހަކަ ދައްކަމުން މޮރީނިއޯ ވަނީ ޓޮޓެންހަމްގެ ކުޅުންތެރިންނަށް ވަރަށް ބޮޑަށް ތައުރީފް ކޮށްފަ އެވެ. އަދި އަންނަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި އާ ކުޅުންތެރިން ގަތުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށާއި އޭނާ ބޭނުންވަނީ ކްލަބުގައި މިވަގުތު ތިބި ކުޅުންތެރިން ދަސްކޮށް އެ ކުޅުންތެރިން ލައިގެން ނެރެވެން އޮތް އެންމެ ރަނގަޅު ނަތީޖާއެއް ނެރެން ކަމަށް މޮރީނިއޯ ވަނީ ބުނެފަ އެވެ.

ފަސް އަހަރަށްފަހު މައުރީސިއޯ ޕޮޗެޓީނޯ ވަކިކޮށް 2022 ވަނަ އަހަރުގެ ނިޔަލަށް ޓޮޓެންހަމުން މޮރީނިއޯ އާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ ހަފުތާގަ އެވެ.