އަންނަ މަހުގެ އެއްވަނަ ދުވަހު ނޭޕާލުގައި ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ގޭމްސްގެ އަންހެން ވޮލީބޯޅަ އިވެންޓުން ޕާކިސްތާން ވަކިވުމުން ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވެއްޖެ އެވެ.

މުބާރާތުގެ އަންހެން ވޮލީބޯޅަ އިވެންޓުގެ ގްރޫޕް އޭގައި ހިމެނޭ ގައުމުތަކަކީ އިންޑިއާއާއި ނޭޕާލާއި ބަންގްލަދޭޝެވެ. ގްރޫޕް ބީގައި ހިމެނެނީ ރާއްޖޭގެ އިތުރުން ސްރީ ލަންކާއާއި ޕާކިސްތާނެވެ. މުބާރާތުގެ ކުޅުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ.

ރާއްޖެ އަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުވީ، އަންހެން ޑިވިޝަން ވޮލީބޯޅަ އިވެންޓުން ޕާކިސްތާން ވަކިވުމުންނެއެވެ. އަންހެން ޑިވިޝަނުން ވަކިވި ނަމަވެސް ފިރިހެން ޑިވިޝަނުގައި އެ ގައުމު ވާދަކުރާނެ އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މުބާރާތުގެ އަންހެން ޑިވިޝަނުން ޕާކިސްތާން ވަކިވީ މާލީގޮތުން ދަތިތަކެއް ހުރުމުގެ ސަބަބުންނެވެ.

ޕާކިސްތާން މުބާރާތުން ވަކިވުމުން ގްރޫޕް ސްޓޭޖުގައި ރާއްޖެ އާއި ސްރީ ލަންކާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ސެމީފައިނަލަށް ދަތުރު ކުރާނެއެވެ. ރާއްޖެ އާއި ލަންކާ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ.

މިފަހަރުގެ ގޭމްސް އަށް އަންހެން ވޮލީ ޓީމު ދިޔައީ ލަންކާގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަ ކުރުމަށްފަހު އެވެ. ރާއްޖޭން ގޭމްސް އާ ކުރިމަތިލީ ދާދި ފަހުން ބަންގްލަދޭޝްގައި އޮތް ސެންޓްރަލް ޒޯން ވޮލީބޯޅަ ޗެމްޕިއަންޝިޕްގައި ރިހި މެޑަލް ހޯދުމަށްފަހު އެވެ. އެއީ ބައިނަލްއަގުވާމީ މުބާރާތަކުން އަންހެން ވޮލީ ޓީމް މިހާތަނަށް ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.