އިޓާލިއަން ލީގުގައި އިއްޔެ ޔުވެންޓަސް އާއި ސަސުއޮލޯ އެއްވަރުވުމުގެ ފައިދާ ނަގައި، އިންޓަ މިލާނުން ސްޕާލް 2-1 އިން ބަލިކޮށް ތާވަލުގެ އެއްވަނަ އަށް އަރައިފި އެވެ.

ސެރިއާ އޭގައި މިހާތަނަށް ކުޅުނު 14 މެޗުން އިންޓަ އަށް 37 ޕޮއިންޓް ލިބިފައިވާއިރު ޔުވެންޓަސް ދެ ވަނައިގައި އޮތީ 36 ޕޮއިންޓާއެކު އެވެ. ލީގުގެ ތިން ވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ރޭ އުދިނޭޒީ އަތުން 3-0 އިން މޮޅުވި ލާޒިއޯ އެވެ. އަދި ހަތަރު ވަނައިގައި އޮތީ ހެލަސް ވެރޯނާ އަތުން 3-1 އިން މޮޅުވި އޭއެސް ރޯމާ އެވެ.

އިއްޔެ ޔުވެންޓަސް އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 20 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ އެވެ. އިޓަލީގެ ތަޖުރިބާކާރު ޑިފެންޑަރުގެ ލަނޑުން އެޓީމަށް ލީޑު ލިބުނަސް އޭގެ ދެ މިނެޓު ފަހުން ސަސުއޮލޯގެ ޖެރެމީ ބޯގާ ޖެހި ލަނޑުން މެޗުގެ ނަތީޖާ އެއްވަރުވި އެވެ. ސަސުއޮލޯން މެޗުގައި ފުރަތަމަ ހާފުގައި ލީޑު ނެގީ ޔުވެންޓަސްގެ ގޯލްކީޕަރު ޖިއަންލުއީޖީ ބުފޮން އަށް ހެދުނު ގޯހަކުން ފްރެންސެސްކޯ ކަޕޫޓޯ އެވެ. މެޗުން އެންމެ ފަހުގެ ޗެމްޕިއަން ބަލިނުވެ ސަލާމަތްކޮށްދިނީ 68 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އެެއްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ލަނޑުންނެވެ.

ސެންސީރޯގައި އިންޓަ މިލާނުން ސްޕާލް ބަލިކުރިއިރު އެޓީމުން މެޗުގައި ޖެހި ދެ ލަނޑު ވެސް ޖެހީ މިސީޒަނުގައި މޮޅަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ލައުޓާރޯ މާޓިނޭޒެވެ. ރޭ ކާމިޔާބުކުރި ލަނޑުތަކާއެކު މާޓިނޭޒް މިހާރު ވަނީ ލީގުގައި އަށް ލަނޑު ޖަހައިފަ އެވެ. މެޗުގައި ސްޕާލް އިން ޖެހި ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ޖެހީ މަޓިއާ ވަލޯޓީ އެވެ.

ލީގުގައި އިންޓަ އަށް ދެން ކުރިއަށް އޮތީ އަންނަ ހުކުރު ދުވަހު އަމިއްލަ ދަނޑުގައި ރޮމާއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ޔުވެންޓަސް ހޮނިހިރު ދުވަހު ރަށުން ބޭރުގައި ނުކުންނާނީ ތިން ވަނައިގައި އޮތް ލާޒިއޯއާ ދެކޮޅަށެވެ.

ރޭގެ މެޗަށް ފަހު އިންޓަގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އެޓީމަށް އެއް ވަނަ ލިބުނީ މިހާތަނަށް ކުރި ބުރަ މަސައްކަތުން ކަމަށާއި އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައިވެސް ރަނގަޅު ނަތީޖާތަކެއް ނެރެވުން ކަމަށެވެ. އިޓާލިއަން ލީގު ވޭތުވެދިޔަ އަހަރުތަކުގައި ޔުވެންޓަސް ފަސޭހަކަމާއެކު ކާމިޔާބުކުރަމުން އައި ނަމަވެސް މި ސީޒަނުގައި ކޮންޓޭގެ އިރުޝާދުގެ ދަށުން އިންޓަ އިން އަންނަނީ އެޓީމާ ރަނގަޅު ވާދައެއް ކުރަމުންނެވެ.