އަނިޔާގެ ސަބަބުން ޕްރިމިއަރ ލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގައި މެންޗެސްޓަރ ސިޓީގެ ފޯވާޑް ސާޖިއޯ އަގުއެރޯ އަށް ނުކުޅެވޭނެ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ލީގުގައި އެންމެފަހުން 2-3 އިން މެންޗެސްޓަރ ޔުނައިޓެޑް އަތުން ސިޓީ ބަލިވި މެޗުގައި ޔުނައިޓެޑްގެ އޭޝްލީ ޔަންގު ކުރި ޓެކުލެއްގެ ފަހުން އަގުއޭރޯއަށް ފަރިތަކުރުން ތަކުގައިވެސް ބައިވެރި ނުވެވޭ ކަމަށެވެ. އަދި ޗެމްޕިއަންސް ލީގުގެ ލީގުގެ ކުއާޓާފައިނަލްގެ ދެވަނަ ލެގުގައި ލިވަޕޫލްއާ ދެކޮޅަށް ސިޓީ އިން ކުޅުނު މެޗުގެ ފުރަތަމަ އެގާރައިން ވެސް އަގުއެރޯ އަށް ފުރުސަތު ނުދިނީ އެހެންވެ ކަމަށް ގާޑިޔޯލާ ބުންޏެވެ.

ލިވަޕޫލްއާއި ދެކުޅަށް ކުޅުނު މެޗުގައި އަގުއޭރޯ ކުޅެން އެރީ މެޗު ނިމެން 24 މިނެޓަށް ވެފައިވަނިކޮށެވެ.

އަގުއެރޯ އަށް ކުޅުމުގެ ތެރެއށް އާދެވޭނެ ދުވަހެއް ގާޑިޔޯލާ ހާމަކޮށްފައި ނުވާއިރު ސީޒަނުގެ ފަހު މެޗުތަކުގައި އަދި ހާއްސަކޮށް ވޯލްޑް ކަޕުގައި އަގުއޭރޯ ކުޅެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ޓޮޓެންހަމް އާއި ދެކޮޅަށް ނިކުންނައިރު ސިޓީގައި ފިޓުކޮށް ތިބީ އެންމެ 14 ކުޅުންތެރިންނެވެ.

ލީގުގައި ބާކީ ސިޓީ އަށް ހަ މެޗު އޮތްއިރު ލީގު ޗެމްޕިއަންކަން ހޯދަން އެ ކްލަބަށް މިހާރު ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގެ އެއްވަނައިގައި ސިޓީ މިވަގުތު އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ލީގުގައި މިރޭ ކުޅެ މެޗުން ސިޓީ މޮޅުވެ، އެ ކްލަބާއި އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ލިބޭނެއެވެ. ނަމަވެސް ސިޓީ އާއި ޔުނައިޓެޑް ވެސް މި ހަފްތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ސިޓީ އަށް ދެން ލީގު ލިބޭނީ މި މަހުގެ 22 ވަނަ ދުވަހު ސްވެންސީ ސިޓީއާ ބައްދަލުކުރާ މެޗުން މޮޅުވުމުންނެވެ.

ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.