ގިނަ ދުވަސްތަކަކަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މެންޗެސްޓަ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއޭރޯ ތައްޔާރުވެއްޖެއެވެ.

އަނިޔާގެ ސަބަބުން މިދިޔަ ހަތަރު މަހު ކުޅުމާއި ދުރުގައި ހުރި އަގުއެރޯ މިހާރު އަންނަނީ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އުމުރުން 32 އަހަރުގެ އަގުއޭރޯ އަށް އަނިޔާވީ މިދިޔަ ޖޫން މަހުގެ 23 ވަނަ ދުވަހު އިނގިރޭސި ލީގުގައި 5-0 ބާންލީ އަތުން ސިޓީ މޮޅުވި މެޗުގައެވެ. އެ މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަގުއޭރޯގެ ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން އަގުއޭރޯ ވަނީ ސްޕެއިންގެ ބާސެލޯނާގައި އޮޕަރޭޝަނެއް ވެސް ކޮށްފައެވެ.

. މިދިޔަ ސީޒަނުގައި އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވި އަގުއޭރޯ އަށް އެންމެ ފަހުން ލިބުނު އަނިޔާއާ ގުޅިގެން ޕްރިމިއަ ލީގުގެ ގިނަ މެޗުތަކާއި ޗެމްޕިއަންސް ލީގުގެ މެޗުތަކެއް ގެއްލިގެންދިޔައެވެ.

ސިޓީގެ ފަރިތަކުރުންތަކުގައި އަގުއޭރޯ ބައިވެރިވާން ފެށި ނަމަވެސް، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ނޮވެމްބަރު މަހުގެ ކުރިން އަގުއޭރޯ މުޅިން ފިޓްވާނެކަމާ މެދު ޝައްކު ކަމަށެވެ. ގާޑިއޯލާ ބުނީ އަގުއެރޯ އަކީ އެހާ އަވަހަށް އަނިޔާއިން ރިކަވާ ވާ ކުޅުންތެރިޔެއް ނޫން ކަމަށާއި އެހެންކަމުން ފުލް ފިޓްނެސްއާއެކު އޭނާ އެނބުރި ދަނޑު މައްޗަށް އަންނަން އަދި މަހެއް ނޫނީ ދެ މަސްވަރު ނަގާފާނެ ކަމަށެވެ.

އަގުއޭރޯ އަނިޔާއިން ރަނގަޅުވަމުން އަންނައިރު ސިޓީ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް ހެސުސް އަށް ވެސް ވަނީ ދާދި ފަހުން އަނިޔާވެފައެވެ.