އިނގިރޭސި ވިލާތުގެ މެންޗަސްޓަ ސިޓީ އަށް ފާއިތުވީ ނުވަ އަހަރުއްސުރެ ކުޅެމުން އަންނަ އާޖެންޓީނާގެ ތަޖުރިބާކާރު ފޯވާޑް ސާޖިއޯ އަގުއެރޯގެ ބަދަލުގައި އެ ޓީމަށް ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ނޯވޭގެ ޒުވާން އުންމީދީ ފޯވާޑް އާލިންގް ބްރައުޓް ހާލެންޑް ގެންނަން މަސައްކަތް ކުރަމުން އަންނަކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ސިޓީ އަކީ މާލީގޮތުން ތަނަވަސް ކުލަބެކެވެ. އެހެންކަމުން ޑޯޓްމަންޑުން ހާލަންޑްގެ އަގެއްގެ ގޮތުގައި ކޮންމެ އަގެއް ހުށަހެޅި ނަމަވެސް ސިޓީއިން ބޭނުންވެއްޖެ ނަމަ އޭނާގެ ސޮއެ ހޯދޭނެއެވެ. ނަމަވެސް މިހާތަނަށް ހާލަންޑު ދޫކޮށްލުމުގެ ވިސްނުމެއް ޑޯޓްމަންޑުން ގެންގުޅޭ ކަން އެ ޓީމުން ހާމަކޮށްފައި ނުވާއިރު ސިޓީއަށް "ބައި އައުޓް ކްލައުސް" އުސޫލުން ވެސް ހާލަންޑު ހޯދޭނީ 2022 ވަނަ އަހަރުން ފެށިގެންނެވެ.

މިއާއެކު އެޓީމުން ހާލަންޑު ހޯދަން ދިގު އިންތިޒާރެއް ކުރަން ބޭނުން ނުވާނަމަ ޑޯޓްމަންޑްގެ މެނޭޖްމަންޓުން ހިތްހަމަ ޖެހޭ އަގެއް ހުށަހަޅައިގެން ނޫނީ އަދި ހާލެންޑްގެ ސޮއެ ހޯދުމުގެ ފުރުސަތެއް ސިޓީއަކަށް ނުލިބޭނެއެވެ.

ސިޓީގެ ސްކޮޑުން އަގުއެރޯއަށް ޖާގަ ލިބުން މަދުވެފައިވަނީ އަނިޔާގައި ހުރުމަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އައި އިރު ފިޓްނަސްގެ ގިނަ މައްސަލަތަކަކާ އަގުއެރޯއަށް ކުރިމަތިލާން ޖެހުމުންނެވެ. އަދި އަގުއެރޯއަށް ޓީމުން ޖާގަ ނުދެނީ ކީއްވެތޯ އެޓީމުގެ ކޯޗް ޕެޕް ގާޑިއޯލާ އާއި ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ ފިޓްނަސްގެ މައްސަލަތަކެއް ހުއްޓާ އަގުއެރޯ ކަމުގައި ވީނަމަވެސް ޓީމުން ޖާގަދިނުން ވެގެން ދާނީ ދެންތިބި ކުޅުންތެރިންނާ މެދުގައި ވެވޭ ބޭއިންސާފަކަށް ކަމަށެވެ.

އުމުރުން 20 އަހަރުގެ ހާލަންޑް ސީނިއަ ކެރިއަރު ފެށީ 2016 ވަނަ އަހަރު ނޯވޭގެ ބްރައިން އެފްކޭ ކުލަބުންނެވެ. އަދި އޭނާ ޔޫރަޕުގެ ބޮޑެތި ކުލަބު ތަކުގެ ސަމާލުކަމަށް އައީ އޮސްޓްރިއާގެ ސާލްސްބާގުގައި ދެއްކި މޮޅު ކުޅުމާއި އެކު 2019 ވަނަ އަހަރުއެވެ. ހާލަންޑް ޑޯޓްމަންޑަށް މިއަހަރު ބަދަލުވި އިރު މިހާތަނަށް އޭނާ އެޓީމަށް ކުޅެދިން 23 މެޗުން 23 ލަނޑު އޭނާ ކާމިޔާބު ކޮށްދީފައިވެއެވެ. ހާލަންޑް ނޯވޭގެ ސީނިއަ ގައުމީ ޓީމަށް ކުޅެން ފެށި 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަސް ތެރޭގައެވެ.