މެންޗެސްޓަރ ސިޓީ އަށް ޕްރިމިއަރ ލީގު ގެއްލުމަކީ އަދިވެސް އެކަށީގެންވާ ކަމެއް ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ލީގުގައި ބާކީ ސިޓީ އަށް ހަ މެޗު އޮތްއިރު ލީގު ޗެމްޕިއަންކަން ހޯދަން އެ ކްލަބަށް މިހާރު ބޭނުންވަނީ އެންމެ ހަ ޕޮއިންޓެވެ. ލީގުގެ އެއްވަނައިގައި ސިޓީ މިވަގުތު އޮތީ 13 ޕޮއިންޓުގެ ލީޑަކާއެކުއެވެ.

ލީގުގައި މިރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅޭ މެޗުގެކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިޔޯލާ ބުނީ ފުޓްބޯޅައިގައި ކޮންމެ ކަމެއް ވެސް ވެދާނެ ކަމަށާއި އެގޮތުން ސިޓީ އަށް ލީގު ގެއްލުމަކީ އަދިވެސް އެކަށީގެންވާ ކަމެއް ކަމަށެވެ.

"މީގެ ހަ އަހަރު ކުރިން ޖެހިޖެހިގެން ހަ މެޗުން ބަލިވުމުން ރެއާލް މެޑްރިޑަށް ލީގު ގެއްލުނު. އެހެންވީމަ ސިޓީ އަށް ލީގު ގެއްލުމަކީ އަދިވެސް ހަމަ އެކަށީގެންވާ ކަމެއް. މިއީ އެއްވެސް ގޮތަކަށް ޝައްކު ކުރަންޖެހޭ ކަމެއްވެސް ނޫން. މިކަން ކުޅުންތެރިންނަށް ވެސް އިނގޭނެ. ކުޅިވަރުގަ މިކަހަލަ ކަންތައްތައް އެބަހުރި މީގެކުރިން ވެސް ހިނގާފަ" ގާޑިޔޯލާ ބުންޏެވެ.

ލީގު ހޯދުމުގެ އަމިއްލަ ބާރު ސިޓީ އަށް އޮތުމަކީ ލިބޭ ފައިދާއެއް ކަމަށާއި ނަމަވެސް އެއް ހަފްތާއެއްގެ ތެރޭ ތިން މެޗުން ބަލިވެފައިވުމުން މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދީގެން މެޗުތަކުގައި ކުޅުންތެރިން ކުޅެންޖެހޭކަން ގާޑިޔޯލާ ފާހަގަކުރިއެވެ.

"ކުރިއަށް އޮތް ހަ މެޗުގެ ތެރެއިން ދެ މެޗުން އަހަރުމެންނަށް މޮޅުވެވިދާނެ. މި ސީޒަނުގެ މިހާ ހިސާބަށް ވެސް އަހަރުމެން މި ކުޅުނީ ވަަރަށް ޕްރެޝަރުގައި ތިބެ. ކުރިއަށް ހުރި މެޗުތަކުގައި ވެސް މި ސީޒަނުގައި މީގެކުރިން މަސައްކަތް ކުރި ގޮތަށް މަސައްކަތް ކުރަންޖެހޭ" ގާޑިޔޯލާ ބުންޏެވެ.

ލީގުގައި މިރޭ ކުޅެ މެޗުން ސިޓީ މޮޅުވެ، އެ ކްލަބާއި އެންމެ ގާތުން ވާދަކުރަމުން އަންނަ މެންޗެސްޓަރ ޔުނައިޓެޑް މާދަމާ ރޭ ބަލިވެއްޖެނަމަ ސިޓީ އަށް ލީގު ލިބޭނެއެވެ. ނަމަވެސް ސިޓީ އާއި ޔުނައިޓެޑް ވެސް މި ހަފްތާގައި ކުޅޭ މެޗުން މޮޅުވެއްޖެނަމަ، ސިޓީ އަށް ދެން ލީގު ލިބޭނީ މި މަހުގެ 22 ވަނަ ދުވަހު ސްވެންސީ ސިޓީއާ ބައްދަލުކުރާ މެޗުން މޮޅުވުމުންނެވެ.

ސިޓީ އާއި ޓޮޓެންހަމް ބައްދަލުކުރާ މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.