ޖޭމީ ވާޑީގެ މޮޅު ކުޅުމާއެކު އެސްޓަން ވިލާ ބަލިކޮށް ލެސްޓާ ސިޓީ އިން އިނގިރޭސި ޕްރިމިއާ ލީގް ތާވަލުގެ އެންމެ ކުރީގައި އޮތް ލިވަޕޫލަށް ޕްރެޝަރު ބޮޑުކޮށްފި އެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މެޗުން ލެސްޓާ މޮޅުވީ 4-1 އިންނެވެ. މިއީ ލީގުގައި ޖެހިޖެހިގެން އެޓީމު ހޯދި އަށް ވަނަ މޮޅެވެ. މިވަގުތު 46 ޕޮއިންޓް ހަމަކޮށްގެން ލިވަޕޫލް ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އިރު ލެސްޓާ ދެވަނައިގައި އޮތީ 38 ޕޮއިންޓާއެކު އެވެ. އެންމެ ފަހުން އިއްތިހާދުގައި ކުޅުނު މެންޗެސްޓާ ޑާބީގައި މެންޗެސްޓާ ޔުނައިޓެޑް އަތުން ބަލިވި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ 32 ޕޮއިންޓާއެކު ތިންވަނައިގައި ތާށިވެފަ އެވެ.

އެސްޓަން ވިލާ އާއި ދެކޮޅަށް ކުޅުނު މެޗުގައި ލެސްޓާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އެޓީމުން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި ޖަހައިދިނީ އިހެނާޗޯ ދިން ބޯޅައެއްގައި ޖޭމީ ވާޑީ އެވެ. އޭގެ ފަހުން 41 ވަނަ މިނެޓުގައި އިހެނާޗޯ ލެސްޓާގެ ލީޑު ދެ ލަނޑަށް ފުޅާކުރި ނަމަވެސް ޖެކް ގްރީލިޝް ވަނީ ހާފުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި އެސްޓަން ވިލާ އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ.

ދެވަނަ ހާފު ލެސްޓާ އިން ފެށީ ވަރުގަދަ ކޮށެވެ. އެގޮތުން މި ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ޖޯނީ އިވަންސް އެޓީމަށް އަނެއްކާވެސް ލީޑު ފުޅާ ކޮށްދިން އިރު އެޓީމުގެ ހަތަރު ވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖަހައިދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ވާޑީ އެވެ. މި ލަނޑާއެކު ވާޑީ މިސީޒަނުގެ ލީގުގައި ކާމިޔާބުކުރި ލަނޑުގެ އަދަދު ވަނީ 16 އަށް އަރާފައެވެ.

މެޗައްފަހު ވާހަކަ ދައްކަމުން ލެސްޓާގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ވިލާ އާއި ދެކޮޅަށް އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމަށް ތައުރީފް ހައްގު ކަމަށާއި ލީގުގައި ލެސްޓާ އިން ފަހަކަށް އައިސް ނެރެމުން އަންނަ ނަތީޖާތަކުގެ ފަހަތުގައިވަނީ އެޓީމުގެ ކުޅުންތެރިންގެ ހިތްވަރާއި މިންނެތް މަސަތްކަތް ކަމަށެވެ.