އިޓަލީގެ ނަޕޯލީ އެސްސީގެ ހެޑް ކޯޗުގެ މަގާމުން ކާލޯ އެންޗެލޯޓީ ވަކިކޮށްފިއެވެ.

ބެލްޖިއަމްގެ ގެންކުގެ މައްޗަށް 4 - 0 އިން ކުރިހޯދައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ނަޕޯލީ ރޭ ޖާގަ ހޯދި ނަމަވެސް އެ ކްލަބުގެ ކޯޗުކަމުން އަންޗެލޮޓީ ވަކިކޮށްފައިވަނީ ފާއިތުވެދިޔަ ދުވަސްތަކުގައި އެޓީމުން ނެރެމުން އަންނަ ދަށް ނަތީޖާތަކުގެ ސަބަބުންނެވެ.

ރޭގެ މެޗަކީ ނަޕޯލީ އަށް ދިހަ މެޗަށް ފަހު ލިބުނު ފުރަތަމަ މޮޅެވެ. ލީގުގައި އެންމެ ފަހުން އުދިނޭސީ އާއި ދެކޮޅަަށް ކުޅުނު މެޗަށް ނުކުތް އިރު މަގާމުން ދުރުކޮށްފާނެ ކަމުގެ ބިރު އެންޗެލޯޓީ އަށް އޮތެވެ. އެ މެޗުން އެއްވަރުވެ އިޓާލިއަން ސެރިއާ އޭގެ ތާވަލުގެ ހަތް ވަނައަށް ނަޕޯލީ ވެއްޓުމުން ރޭގެ މެޗާއި ކުރިމަތިލި އިރުވެސް މެޗަށްފަހު އޭނާ މަގާމުން ވަކިކުރަން އުޅޭކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

ރޭގެ މެޗަށް ފަހު އިސްތިއުފާ ދޭނެތޯ އެހުމުން އަންޗެލޮޓީ ބުނީ އޭނާގެ ހަޔާތުގައި މިހާތަނަށް ދުވަހަކު ވެސް އަމިއްލައަށް އިސްތިއުފާ ދީފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތްތާގައި ވެސް އެކަން ނުކުރާނެ ކަމަށެވެ. އަދި އޭނާއާ މެދު ގޮތްތަކެއް ނިންމާނީ މެނޭޖްމަންޓުން ކަމަށް އެންޗެލޯޓީ ބުންޏެވެ.

ނަޕޯލީގެ ކޯޗުކަމުގައި އެންޗެލޯޓީ ވަނީ މިދިޔަ ސީޒަނުގެ އިޓާލިއަން ލީގުގެ ދެވަނަ އެޓީމަށް ހޯދައިދީފަ އެވެ. ޔުވެންޓަސްގެ ފަހަތުން ދެވަނައިގައި ނިންމާލި ނަމަވެސް ނަޕޯލީ އާއެކު އެންޗެލޯޓީ އަށް މިސީޒަނުގައި އެ ކާމިޔާބީ ތަކުރާރު ނުކުރެވުނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އެންޗެލޯޓީގެ ބަދަލުގައި ނަޕޯލީއާ ދެން ހަވާލުވާނީ އޭސީ މިލާނުގެ ކުރީގެ ކޯޗު ޖެނާރޫ ގަޓޫސޯއެވެ.

އޭސީ މިލާނަށް ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ރެއާލް މެޑްރިޑަށް އެއް ފަހަރު ކާމިޔާބުކޮށްދީފައިވާ އެންޗެލޯޓީ އަކީ ފުޓްބޯޅައިގައި ކާމިޔާބު ކޯޗެކެވެ. ޒައިނިދީން ޒިދާނާއި ބޮބް ޕީސްލީ އާއެކު ޗެމްޕިއަންސް ލީގް އެންމެ ގިނައިން ކާމިޔާބުކޮށްފައިވާ ކޯޗުންގެ ތެރޭގައި ހިމެނޭ އެންޗެލޯޓީ ވަނީ ޗެލްސީ އާއި ޕީއެސްޖީގެ އިތުރުން ބަޔާން މިއުނިކަށް ލީގު ތަށި ކާމިޔާބުކޮށްދީފައެވެ.