ނަޕޯލީން 33 އަހަރަށް ފަހު އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ރޭ ކަށަވަރުކޮށްފި އެވެ.

ނަޕޯލީގެ 96 އަހަރުގެ ތާރީޚުގައި އެކުލަބުން އިޓާލިއަން ލީގު ކާމިޔާބުކުރީ އެންމެ ދެ ފަހަރު އެވެ. އެއީ 1987 އާއި 1990 ވަނަ އަހަރު އެވެ. އެއީ އާޖެންޓީނާގެ ކުރީގެ ކެޕްޓަން ޑިއެގޯ މަރަޑޯނާގެ އެހީތެރިކަމާއެކުގަ އެވެ. މިހެންވެ އޭނާ އަކީ އަދިވެސް އެޝަހަރުގެ ބަތަލެކެވެ. މީގެ ތިން އަހަރު ކުރިން އޭނާ މަރުވުމުން ނަޕޯލީގެ ސްޓޭޑިއަމަށް ނަންކިޔާފައިވަނީ މަރަޑޯނާގެ ނަމުންނެވެ.

ނަޕޯލީން ލީގު ކަށަވަރުކުރީ 12 ވަނާގައި އޮތް އުދިނޭޒީއާއެކު ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗު 1-1އިން އެއްވަރުކޮށްގެންނެވެ.

ފަސް މެޗު ބާކީ އޮއްވާ ނަޕޯލީން ލީގު ޗެމްޕިއަންކަން ކަށަވަރުކުރިއިރު އެޓީމަށް ވަނީ 33 މެޗުން 80 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި 33 މެޗުން 64 ޕޮއިންޓް ހޯދައިގެން އޮތީ ލާޒިޔޯ އެވެ. ތިންވަނައިގައި 33 މެޗުން ލިބުނު 63 ޕޮއިންޓާ އެކު އޮތީ ޔުވެންޓަސް އެވެ.

ރޭގެ މެޗުގެ 13 ވަނަ މިނެޓްގައި ލޮވްރިޗް ވަނީ އުދިނޭސީ އަށް ލީޑު ނަގައިދީފަ އެވެ. ނަމަވެސް މެޗުގެ 52 ވަނަ މިނެޓްގައި ނަޕޯލީގެ ނައިޖީރިއާ ފޯވާޑް، ވިކްޓަ އޮސިމެން ވަނީ އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ. މި ގޯލަށްފަހު މެޗުން މޮޅުވާން ވެސް ނަޕޯލީ އަށް ފުރުސަތުތަކެއް ލިބިފައިވެ އެވެ.

ރޭގެ މެޗު ނިމުމާއެކު މެޗު ބެލުމަށް އުދިނޭސީގެ ދަނޑަށް ގޮސް ތިބި ނަޕޯލީގެ 10،000 އަށް ވުރެ ގިނަ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި ކުޅުންތެރިންނާއެކު ތާރީހީ ކާމިޔާބީ ފާހަގަކޮށްފަ އެވެ.

މިއީ ނަޕޯލީގެ ތާރީހުގައި އެޓީމުން އިޓާލިއަން ލީގު ހޯދި ތިންވަނަ ފަހަރެވެ. ނަޕޯލީ އަށް ކޯޗުކޮށްދެމުން އަންނަނީ އުމުރުން 64 އަހަރުގެ ރޯމާގެ ކުރީގެ ކޯޗު ލޫސިއާނޯ ސްޕަލެއްޗީ އެވެ. މި ތައްޓާއެކު އޭނާ ވެފައިވަނީ އިޓާލިއަން ލީގު ކާމިޔާބުކުރި އެންމެ ދުވަސްވީ ކޯޗަށެވެ.