އިޓާލިއަން ލީގު 33 އަހަރަށް ފަހު ފުރަތަމަ ފަހަރަށް ނާޕޮލީ އަށް ކާމިޔާބުކޮށްދިން ކޯޗު ލޫސިއާނޯ ސްޕަލެއްޗީ މި ސީޒަނަށް ފަހު ޓީމު ދޫކޮށްލަން ނިންމައިފިއެވެ.

މިފަހަރަކީ ނަޕޯލީގެ ތާރީހުގައި އެ ޓީމުން އިޓާލިއަން ލީގު ހޯދި ތިންވަނަ ފަހަރެވެ. މި ތައްޓާއެކު ސްޕަލެއްޗީ ވެފައިވަނީ އިޓާލިއަން ލީގު ކާމިޔާބުކުރި އެންމެ ދުވަސްވީ ކޯޗަށެވެ.

އިޓަލީގެ މީޑިއާތަކުން ބުނާ ގޮތުގައި އުމުރުން 64 އަހަރުގެ ކޯޗު ސްޕަލެއްޗީ ޓީމާއެކު ކުރިއަށްނުދާން ނިންމާ މައިގަނޑު ސަބަބަކީ ކުލަބުގެ ރައީސްއާ މެދު ހިތްހަމަނުޖެހިގެންނެވެ.

އިޓަލީގެ މީޑިއާތަކުން ބުނަނީ ނާޕޮލީ އަށް އިޓާލިއަން ލީގު ކާމިޔާބުވުމުން ކޯޗަށް މަރުހަބާ ކިޔަން ވެސް ކުލަބުގެ ރައީސް ނުގުޅާ ކަމަށެވެ. އަދި މިފަދަ ހިތްހަމަނުޖެހުންތައް އުފެދިފައިވަނީ ނާޕޮލީ އާއެކު ސްޕަލެއްޗީ ހަދާފައިވާ ކޮންޓްރެކްޓް އާ ކުރަން އެ ކުލަބުން ހުށަހަޅާފައިވަނިކޮށެވެ. އަދި އަހަރެއްގެ މައްޗަށް 2.8 މިލިއަން ޔޫރޯގެ މުސާރައެއް ވެސް އޭނާ އަށް ދޭން ހުށަހަޅާފައިވާ ކަމަށްވެއެވެ.

"އަހަރެންގެ މުސްތަގްބަލް އޮތީ ކަނޑައަޅާފައި. ހަމައެކަނި އޮތް ކަމަކީ އެކަން އިއުލާނު ނުކޮށް އޮތުން. އެ ވަގުތު އައިސް ޖެހުމުން އެކަން ކުރާނެ. ކުލަބާއި އަހަންނާ ދެމެދު ވަނީ މިކަމުގެ މަޝްވަރާތައް ކުރެވިފައި،" ސްޕަލެއްޗީ ބުންޏެވެ.

ސްޕަލެއްޗީ މީގެ ކުރިން ވަނީ ރޯމާގެ ވެސް ކޯޗުކަން ކޮށްފައެވެ.

ނާޕޮލީން އާ ކޯޗަކު ހޯދާ ނަމަ މިވަގުތު އެ ޓީމާ ހަވާލުވުން އެންމެ ގާތީ ޗެލްސީ އާއި އިންޓަމިލާން އަދި ޓޮޓެންހަމުގެ ކުރީގެ ކޯޗު އިޓަލީގެ އެންޓޯނިއޯ ކޮންޓޭ ކަމަށް ވެސް މީޑިއާތަކުން ލަފާކުރެއެވެ.