އަންނަ ޖެނުއަރީ ޓްރާންސްފާ ވިންޑޯގައި އޮސްޓްރިއާގެ ސާލްޒްބާގަށް ކުޅެމުން އަންނަ ޖަޕާނުގެ 24 އަހަރުގެ މިޑްފީލްޑަރު ޓަކޫމީ މިނަމީނޯގެ ސޮއި ހޯދުމުގެ މަސަތްކަތް އިނގިރޭސިވިލާތުގެ ލިވަޕޫލުން ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ.

ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން މިނަމީނޯ ހޯދަން އުޅޭ ކަމުގެ އަޑުތައް ގަދަވެފައިވަނީ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގެ ފަހު މެޗުގައި ސާލްޒްބާގާއި ދެކޮޅަށް ލިވަޕޫލް މިދިޔަ ބުދަ ދުވަހު ކުޅުނު މެޗަށްފަހު އެވެ.

ރެޑް ބުލް އެރީނާގައި ކުޅުނު މި މެޗުގައި ޖަޕާނު ކުޅުންތެރިއާގެ ފަރާތުން އުއްމީދީ ކުޅުމެއް ފެނިގެންދިޔަ އިރު މި މެޗުގައި މިނަމީނޯގެ ފަރާތުން ފެނުނު ހުނަރުން ލިވަޕޫލްގެ ސަޕޯޓަރުންގެ އިތުރުން އެ ޓީމުގެ ކުޅުންތެރިން ހައިރާންކޮށްލި އެވެ. އެގޮތުން މެޗަށްފަހު ޖެނުއަރީގައި މިނަމީނޯ ކްލަބަށް ގެންނަން ކޯޗު ޔާގެން ކްލޮޕް ގާތުގައި ލިވަޕޫލް ކުޅުންތެރިން އެދުނު ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މިސީޒަނުގައި މިހާތަނަށް 9 ގޯލާއި އިތުރު 11 އެސިސްޓް ހަދާފައިވާ މިނަމީނޯ އަށް ލިވަޕޫލުން ފާރަލަމުން އަންނަ އިރު ސާލްޒްބާގާއި އެޓީމާއި ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ކަމާއި މެދު ވަރަށް ބޮޑު ޔަގީންކަމެއް އިނގިރޭސި ކްލަބަށް އެބައޮތް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އެގޮތުން މިނަމީނޯގެ ޓްރާންސްފާ ރިލީޒް ކްލައުސް ކަމަށްވާ 7.25 މިލިއަން ޕައުންޑްގެ ފީ އަށް ޖަޕާނު ކުޅުންތެރިއާ ލިވަޕޫލަށް ބަދަލުވުމާއި މެދު ދެ ފަރާތުން އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް އަޑު ފެތުރިފައިވެ އެވެ.

“ ކޮންޓްރެކްޓް މައުލޫމާތުކާއި ބެހޭގޮތުން އެއްޗެކޭ އަހަރެން ނުބުނާނަން. އެކަމަކު މިނަމީނޯގެ ޓްރާންސްފާ އާއި ބެހޭގޮތުން ލިވަޕޫލާއި ސާލްޒްބާގާއި ދެމެދު ވާހަކަތައް ދެކެވެމުން އެބަދޭ. އަހަރެމެންނަށް ލިބޭ ފަހުރެއް މިއީ ޔޫރަޕްގެ ޗެމްޕިއަނުން އަހަރެމެންގެ ކުޅުންތެރިންނަށް ޝައުގުވެރިކަން ފާޅުކުރުމަކީ، “ މީޑިއާތަކަށް މައުލޫމާތު ދެމުން ސާލްޒްބާގުގެ ޗީފް ކްރިސްޓޮފް ފްރޫންޑް ބުންޏެވެ.

ލިވަޕޫލްގެ އިތުރުން އިޓަލީގެ އޭސީ މިލާނާއި އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑުން ވެސް އަންނަނީ މިނަމީނޯ އަށް ފާރަލަމުންނެވެ. އެގޮތުން ސާލްޒްބާގް-ލިވަޕޫލް މެޗަށް މިލާނުގެ ސްކައުޓް ޓީމެއް ދިޔަ ކަމުގެ އަޑުތައް ވެސް މި ދެތިން ދުވަހު އެރިއެވެ.