ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލާއި ކުޅެން ޖެހުމުން އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް އުފަލެއް ނުލިބޭނެ ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ކްލޮޕް މިހެން ބުނެފައިވަނީ ޗެމްޕިއަންސް ލީގުގެ ގަދަ ސޯޅައިގެ ގުރަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ޑްރޯގެ ކުރިން ވެސް ބޮޑަށް ހީވެފައި އޮތީ ލިވަޕޫލް ވާދަކުރަން ޖެހޭނީ މެޑްރިޑަށް ނިސްބަތްވާ ޓީމަކާއި ކަން ކަމަށާއި އެގޮތަށް ނަތީޖާ އައުމުން މާ ބޮޑަކަށް ހައިރާން ނުވާ ކަމަށެވެ.

"އަހަރެން ހީކޮށްގެން ހުރީވެސް މެޑްރިޑާއި ހެން ކުޅެން ޖެހޭނީ. ކޮން މެޑްރިޑެއް ކަމެއް ނޭނގެ އެއިރަކު. އެހެންކަމުން މާ ބޮޑަކަށް ހައިރާނެއް ނުވޭ. މެޑްރިޑަކީ ވަރަށް ގިނަ ހަނދާންތަކަކުން ފުރިގެންވާތަނެއް. މިވީގޮތުން އަހަރެމެން މި ޖެހެނީ އެތެލްޓިކޯ އާއި ދެކޮޅަށް ކުޅެން. އުނދަގޫ ވާނެ. ވަރަށް ޝައުގު އެބަހުރި މި މެޗަށް،" ކްލޮޕް ބުންޏެވެ.

ކްލޮޕް އިތުރަށް ބުނީ ލިވަޕޫލުން މި މެޗު ފަސޭހަކޮށް ނުނަގާނެ ކަމަށާއި ހަމަ އެގޮތަށް ސިމިއޯނީ އަށް ވެސް މި ޑްރޯ އަކުން އުފަލެއް ލިބޭނެ ކަމަކަށް ގަބޫލު ނުކުރާ ކަމަށެވެ.

"އަހަރެމެން މި ޓައި ނަގާނީ ވަރަށް ސީރިއަސް ކޮށް. އެތްލެޓިކޯ އަކީ ވަރުގަދަ ޓީމެއް. އަދި އެޓީމުގެ ދަނޑުގައި ނަތީޖާ ނެރެން ފަސޭހަ ނުވާނެކަން އިނގޭ. ހަމަ މިގޮތަށް އަހަންނަށް ހީނުވޭ ސިމިއޯނީ ވެސް ހުރީ އުފަލުން ހެން ލިވަޕޫލާއި ކުޅެން ޖެހުމުން. ދެޓީމަކީ ވެސް މުޅިން ތަފާތު ސްޓައިލަކަށް ކުޅޭ ދެޓީމެއް. ވަރަށް ފޯރިގަދަ ވާނެ،" ކްލޮޕް ބުންޏެވެ.

ޓޮޓެންހަމް ބަލިކޮށް މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގް ތަށި ލިވަޕޫލުން ކާމިޔާބުކުރި އިރު މިފަހަރުގެ މުބާރާތުގެ ދެވަނަ ބުރުން އެޓީމް ޖާގަ ހޯދީ ނަޕޯލީ ފަހަތަށް ޖައްސާލައި ގްރޫޕް އީގެ އެއްވަނަ ހޯދައިގެންނެވެ. އެތްލެޓިކޯ މެޑްރިޑް ދެވަނަ ބުރަށް ކޮލިފައިވީ ޔުވެންޓަސްގެ ފަހަތުން ގްރޫޕް ޑީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.