ލާމު ޔޫތު ޑިވެލޮޕްމެންޓް” ޖަމިއްޔާގެ ފަރާތުން އެ އަތޮޅުގައި ފުރަތަމަ ފަހަރަށް ހޭންޑްބޯޅަ އެކެޑަމީއެއް އުފައްދައިފި އެވެ.

ލ. އަތޮޅުގެ ޒުވާނުންތައް ބާރުވެރި ކުރުވައި ޒުވާނުންގެ ތަރައްގީއާއި ކުރިއެރުމަށް މަސައްކަތްކުރުމަށް އުފައްދާފައިވާލާމު ޔޫތު ޑިވެލޮޕްމެންޓްޖަމިއްޔާ އިން އުފައްދާފައިވާ މި އެކެޑަމީގެ މަގްސަދަކީ ލާމު އަތޮޅުގައި ހުނަރުވެރި ހޭންޑްބޯޅަ ކުޅުންތެރިން އުފައްދައި އެފަދަ ކުޅުންތެރިން ބިނާކުރުމެވެ.

ހޭންޑްބޯޅަ އަކީ ލާމު އަތޮޅުގައި ފަހަކަށް އައިސް ވަރަށް ބާރަށް ކުރިއަރަމުން އަންނަ ކުޅިވަރެކެވެ. މި އަތޮޅުން ގައުމީ ފެންވަރުގައި ކުޅެވޭނެ ވަރުގެ ހޭންޑްބޯޅަ ކުޅުންތެރިން ނެރުމަކީ އެލްވައިޑީގެ އަމާޒެކެވެ.

ހޭންޑްބޯޅަ އެކެޑަމީގައި 15 އަހަރުން ދަށުގެ އަންހެން ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު އޮތް އިރު ޖާގަ ހޯދުމަށް 15 ޖެނުއަރީ 2020ގެ ކުރިން ރެޖިސްޓްރީ ވާން ޖެހޭނެ ކަމަށް އެލްވައިޑީން މައުލޫމާތުދެ އެވެ.

އެކެޑަމީގައި ރެޖިސްޓްރީވުމަށް އެ ޖަމިއްޔާ އާއި ގުޅައިގެން ނުވަތަ އޮންލައިންކޮށް ވެސް ރެޖިސްޓްރީ ވެވޭނެ އެވެ. އެކެޑެމީ އާއި ބެހޭގޮތުން އިތުރު މައުލޫމާތު ބޭނުންނަމަ 9984111، 9984334 އަދި 7947373 އާއި ގުޅައިގެން ބޭނުންވާ މައުލޫމާތެއް ސާފުކުރެވޭނެ އެވެ.