އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ސްޕެނިޝް ސުޕަ ކަޕް ރެއާލް މެޑްރިޑުން ކާމިޔާބުކޮށްފި އެވެ.

މިރޭ ކުޅުނު ސުޕަ ކަޕް ފައިނަލް މެޗުގައި ރެއާލުން ކުރިހޯދީ ޕެނަލްޓީ ޖަހައިގެންނެވެ. ސައުދީ އަރަބިއާގެ ޖިއްދާގައި ހުންނަ ކިންގް އަބްދުﷲ ސްޕޯޓްސް ސިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު މިނެޓުގެ ދެ ހާފު ވެސް ނިމުނީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ރެއާލް ކުރިހޯދީ 4-1 އިންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނީ ރެއާލް އެވެ. ފުދޭވަރަކަށް ރަނގަޅަށް ޑިފެންސް ކުރަމުންދިޔަ އެތްލެޓިކޯ ޓީމުން ކައުންޓާގައި ރެއާލްގެ ގޯލަށް ނުރައްކާ ކުރި އިރު އެ ޓީމުން މި ހާފުގައި ލަނޑު ޖަހަން އެެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ޒުވާން ފޯވަޑް ޔާއޯ ފީލިކްސް އަށެވެ. އެގޮތުން ރެއާލްގެ އޭރިއާ އަރި މަތިން ހެން ޕޯޗުގަލް ކުޅުންތެރިއާ ފޮނުވާލި ބޯޅަ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ރެއާލްގެ ލޫކާ ޖޮވިޗް އަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް ބޯޅަ ގޯލަށް ފޮނުވާލުމުގެ ކުރިން އެތްލެޓިކޯގެ ޑިފެންޑަރު ހޯސޭ ހިމެނޭޒް ވަނީ އެ ބޯޅަ ދިފާއުކޮށްފަ އެވެ. އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ރެއާލަށް ލިބުނު އިތުރު ފުރުސަތެއްގައި ފެޑެރީކޯ ވަލްވާޑޭ އަށް މާ ރަނގަޅަކަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.

ދެ ވަނަ ހާފުގައި އެތްލެޓިކޯ މެޑްރިޑުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އަލްވާރޯ މޮރާޓާ އަށެވެ. 76 ވަނަ މިނެޓުގައި އެންހެލް ކޯރެއާ ތަނަވަސްކޮށްދިން ފުރުސަތެއްގައި މޮރާޓާ ފޮނުވާލި ބޯޅަ ކީޕަރު ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރެއާލްގެ ރޮޑްރީގޯ ފޮނުވާލި ބޯޅަ ކީޕަރު އޮބްލަކް މަތަކުރި އިރު އިތުރު ވަގުތުގެ ފަހު މިނެޓުގައި އެތްލެޓިކޯގެ ތޯމަސް ޕާޓޭ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ކޯޓުއާ އެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ރެއާލުން ލަނޑެއް ޖެހުމާއި ކައިރިއަށް ދިޔަ އިރު މި ހަމަލާގައި އިދިކޮޅު އޭރިއާ ބޭރުން ޓޯނީ ކްރޫސް ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ. އިތުރު ވަގުތުގެ ދެ ހާފުގައި ވެސް ރެއާލުން އެތްލެޓިކޯގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް ޑިއޭގޯ ސިމިއޯނީގެ ޓީމުން ވަނީ ހުޝިޔާރުކަމާއެކު ޑިފެންޑް ކޮށްފަ އެވެ.

މެޗު ނިމެން ކައިރިވެފައި ވަނިކޮށް ރެއާލްގެ ވަލްވާޑޭ އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފަ އެވެ. މިއީ އެތްލެޓިކޯ އިން އުފެއްދި ހަމަލާއެއް ހުއްޓުވުމަށް ވަލްވާޑޭ ކުރި ފައުލެއްގެ ސަބަބުން ރެފްރީ އޭނާ އަށް ދެއްކި ކާޑެކެވެ. ކައުންޓާ ހަމަލާއެއްގައި މޮރާޓާ އަށް ލިބުނު ރަނުގެ ފުރުސަތުގައި ބޯޅަ ރެއާލްގެ ގޯލު ތެރެއަށް ފޮނުވާލުމުގެ ކުރިން ވަލްވާޑޭ ވަނީ ޓެކުލްކޮށް އޭނާ ވައްޓާލާފަ އެވެ.

މިކަމާއި ހެދި އުފެދުނު ހަމަނުޖެހުމެެއްގެ ސަބަބުން ރެފްރީ ވަނީ އެތްލެޓިކޯގެ ސެޓެފަން ސެވިކް އާއި ކޯރެއާގެ އިތުރުން ރެއާލްގެ ކާވަހާލް އަށް ރީނދޫ ކާޑު ދައްކައިފައެވެ.

ހަމަނުޖެހުމުގެ ސަބަބުން ހަތަރު ވަރަކަށް މިނެޓަށް ކުޅުން މެދުކަނޑާލި އިރު އޭގެ ފަހުން ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނަލްޓީގައި ރެއާލުން ވަނީ އެޓީމުގެ ހަތަރު ޕެނަލްޓީ ވެސް ކާމިޔާބުކޮށްފަ އެވެ. އެތްލެޓިކޯ އިން ޖެހި ފުރަތަމަ ޕެނަލްޓީގައި ސައުލް ނިގުއެޒް ފޮނުވާލި ބޯޅަ ދަނޑީގައި ޖެހިފަ ބޭރަށްދިޔަ އިރު ދެވަނަ އަށް ތޯމަސް ފޮނުވާލި ޕެނަލްޓީ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ.

މިއީ ރެއާލުން ސުޕަ ކަޕް ކާމިޔާބުކުރި 11 ވަނަ ފަހަރެވެ. އަދި އެތްލެޓިކޯ މެޑްރިޑް ބަލިކޮށް މި މުބާރާތުގެ ޗެމްޕިއަންކަން އެޓީމުންް ހޯދި ފުރަތަމަ ފަހަރެވެ. މީގެކުރިން 2014 ވަނަ އަހަރު މި މުބާރާތުގެ ފައިނަލުގައި މި ދެޓީމު ވާދަކުރި އިރު އެފަހަރު 2-1ގެ އެގްރިގޭޓް ނަތީޖާއަކުން ތަށި އުފުލާލީ އެތްލެޓިކޯ އިންނެވެ.

ކިޔުންތެރިންގެ ހިޔާލު