ވަގުތު ފުޓްސަލް ޗެލެންޖް 2020” ގެ މޭޖާ ސްޕޮންސަރ އަކަށް އަލް މުދިޝް ހަމަޖައްސައި އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ވަގުތު އިން 2017 އިން ފެށިގެން ކޮންމެ އަހަރަކު އައްޑޫ ސިޓީގައި ބާއްވަމުން އަންނަ އަގުބޮޑު ފުޓްސަލް މުބާރާތް މި އަހަރު ވެސް ބާއްވަން ހަމަޖެހިފައިވާ އިރު މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ "ޑްރީމްސް ޕިއްޒާ" އެވެ. އެހެންކަމުން މުބާރާތް ކުރިއަށް ދާނީ "ޑްރީމްސް ޕިއްޒާ" ވަގުތު ފުޓްސަލް ޗެލެންޖްގެ ނަމުގައެވެ. މުބާރާތުގެ މޭޖަރ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ އަލް މުދިޝް އާއި ވީބީ ބްރަދާސް އެވެ.

"ވަގުތު" ފުޓްސަލް މުބާރާތަކީ ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި އަހަރުގެ މުބާރާތުގައި ދެވޭ ފައިސާގެ އިނާމު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ އިތުރުކޮށްފަ އެވެ. މިިދިޔަ އަހަރުގެ މުބާރާތުގެ ޖުމްލަ އަގަކީ 150،000 ރުފިޔާ އެވެ.

ފައިސާގެ އިނާމަށް ގެނައި ބަދަލާއެކު މި އަހަރުގެ މުބާރާތުގެ ތިންވަނަ ހޯދާ ޓީމަށް 30،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 75،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މުބާރާތުގެ ޗެމްޕިއަން ޓީމަށް ދޭ ފައިސާގެ އިނާމް ވަނީ 150،000 އަށް ބޮޑު ކޮށްފަ އެވެ.

ވަގުތު ފުޓްސަލް ޗެލެންޖްގެ 2020ގެ މޮޅު ކުޅުންތެރިއާ އަށް ޢުމްރާ ދަތުރެއް ދޭން ވަނީ ނިންމާފައެވެ. އުމްރާ ދަތުރު ހުށަހަޅާފައިވަނީ ޓްރެވް ހައްޖު އެންޑް އުމްރާ އިންނެވެ.

މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު އަދިވެސް ވަނީ ހުޅުވާލާފައެވެ. ސްޕޮންސާ ކުރަން ބޭނުންވާ ފަރާތްތަކުން ގުޅުއްވާނީ "ވަގުތު" ގެ ނަމްބަރު 7999681 އަށެވެ.

ޖުމްލަ 16 ޓީމާއެކު ސ. ހިތަދޫގައި ކުރިއަށްދިޔަ މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްސީ އުސްގަނޑައެވެ. މިހާތަނަށް ވަގުތު އިން ބޭއްވި ތިން މުބާރާތް 16 ޓީމަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ނަމަވެސް މި އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 24 ޓީމަކަށް ވަނީ ހުޅުވާލާފަ އެވެެ.

އަލް މުދިޝް އިން ވަގުތު ފުޓްސަލް މުބާރާތުގެ މޭޖާ ސްޕޮންސަރަކަށް ހަމަޖެހިފައި ވާއިރު، ހުރިހާ އުމުރެއްގެ މީހުންގެ މެދުގައިވެސް މަގުބޫލު މި ކިރު ރާއްޖެ އެތެރެކޮށް ޑިސްޓްރިބިއުޓް ކުރަނީ "ސިބްކޯ" އިންނެވެ.