ފްރާންސްގެ ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް ކުޅެމުން އަންނަ ބްރެޒިލް ޑިފެންޑަރު މާކީނިއޯސް އެ ކްލްބާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އާ އެއްބަސްވުމުގެ ދަށުން މާކީނިއޯސް ޕީއެސްޖީގައި 2024ގެ ނިޔަލަށް މަޑުކުރާނެ އެވެ. ކޮންޓްރެކްޓް އާ ކުރުމަށްފަހު މީޑިއާތަކާއި ވާހަކަ ދައްކަމުން މާކީނިއޯސް ބުނީ ޕީއެސްޖީ އަކީ ކާމިޔާބު ހޯދުމަށް ހިތްވަރާއެކު މަސަތްކަތް ކުރާ ޓީމެއް ކަމަށާއި ކްލަބުގައި މަޑުކުރަން ނިންމީ ދެ ފަރާތުން ވެސް އެކަމަށް އެދޭތީ ކަމަށެވެ.

މިއީ ބޮޑު ކްލަބެއް. ކާމިޔާބީ ހޯދަން މަސަތްކަތް ކުރާ ކްލަބެއް. އަނެއްކޮޅުން އަހަންނަށް ވަރަށް ކަމުދޭ ޕެރިސް. އަހަރެންގެ އާއިލާ ވެސް މި ސިޓީގައި ދިރިއުޅެމުންދަނީ ވަރަށް އުފަލުން. ހީވަނީ އަމިއްލަ އުފަން ގައުމުހެން. އަހަރެން ޕީއެސްޖީ އަށް ކުޅެމުން އަންނަތާ ހަތެއްކަ އަހަރު ވެެއްޖެ. ވަރަށް ގިނަ ކާމިޔާބީތަކެއް މި ޓީމާއެކު ޙާސިލްކުރެވިއްޖެ. އެހެންކަމުން އަހަރެމެން ދެ ފަރާތުން ބޭނުންވީ އަހަންނާއި ކްލަބާއި ދެމެދު މި އޮތް ގާތް ގުޅުން އަނެއްކާވެސް ގިނަ އަހަރުތަކަކަށް ދިގުދަންމާލަން،މާކީނިއޯސް ބުންޏެވެ.

މާކީނިއޯސް އަކީ ޕީއެސްޖީގެ މިހާރުގެ ވައިސް ކެޕްޓަނެވެ. އޭނާ ފްރާންސަށް ބަދަލުވީ އިޓަލީގެ ރޯމާ އަށް ކުޅުމަށްފަހު 2013 ވަނަ އަހަރު އެވެ. ފާއިތުވެދިޔަ ހަތް ސީޒަނުގެ ތެރެއިން ފަސް ސީޒަނުގައި ޕީއެސްޖީއާއެކު ފްރެންޗް ލީގް ކާމިޔާބުކުރުމުގެ އިތުރުން މާކީނިއޯސް ވަނީ އެ ކްލަބާއެކު ފަސް ހަތަރު ފަހަރެއްގެ މަތިން ފްރެންޗް ކަޕް ކާމިޔާބުކޮށްފަ އެވެ.