އިންގްލަންޑުގެ މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބޭންޑް އަޅަމުން އައި ޑިފެންޑަރު އެޝްލީ ޔަންގް އަށް އަހަރަށްފަހު ކްލަބު ދޫކޮށްލައިފި އެވެ.

2011 ވަނަ އަހަރު އެސްޓަން ވިލާ އިން ޔުނައިޓެޑަށް ބަދަލުވި ޔަންގް ޔުނައިޓެޑް ދޫކޮށް ބަދަލުވީ އިޓަލީގެ އިންޓަ މިލާން އަށެވެ. އުމުރުން 34 އަހަރުގެ ޔަންގް އިންޓަ އާއި ގުޅުނީ 1.5 މިލިއަން ޔޫރޯގެ ފީ އެއްގެ ދަށުން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާގޮތުން އިންޓަ އާއެކު ޔަންގް ހެދި އެއްބަސްވުމުގައި އަންނަ އަހަރުގެ ޖޫން މަހަށް ފަހު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ދިގުދަންމާލުމުގެ އޮޕްޝަނެއް ވެސް އެބައޮތެވެ. ޔަންގް އިންޓަ އަށް ބަދަލު މިވީ އެންމެ ފަހުން އޭނާ ޔުނައިޓެޑާއެކު ހެދި އެއްބަސްވުން ހަމަވާން ބާކީ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ.

ޔުނައިޓެޑްގެ ޖާޒީގައި ފާއިތުވެދިޔަ އަށް ވަރަކަށް އަހަރު ތެރޭ ޔަންގް ވަނީ 261 މެޗު ކުޅެ 19 ލަނޑު ކާމިޔާބުކޮށްފަ އެވެ. މިދިޔަ ތިން ސީޒަނުގައި ކްލަބުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޔަންގް ވަނީ ޔުނައިޓެޑާއެކު ޕްރިމިއާ ލީގާއި ކަރަބާއު ކަޕާއި އެފްއޭ ކަޕްގެ އިތުރުން ޔުރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ. އޭނާ އެންމެ ފަހުން ޔުނައިޓެޑްގެ ޖާޒީގައި ކުޅުނު މެޗަކީ އެފްއޭ ކަޕްގެ ތިން ވަނަ ބުރުގައި ވުލްވްސް އާއި ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ޔުނައިޓެޑް ކުޅުނު މެޗުގަ އެވެ.

" ޔުނައިޓެޑުން އަހަންނަށް ފުޓްބޯޅަ ލެޖެންޑުން އަދި ދުނިޔޭގެ ތާރީހު ދުށް އެންމެ މޮޅު ކޯޗުގެ އިރުޝާދުގެ ދަށުން ކުޅުމުގެ ފުރުސަތު ދިން. ގިނަ ތަށިތަކެއް ކާމިޔާބުކޮށް ކްލަބުގެ ކެޕްޓަންކަން އަދާކުރުމުގެ ފުރުސަތު ދިން. ޔުނައިޓެޑާއެކު ހޭދަކުރި އަށެއްކަ އަހަރު ތެރޭ ކްލަބުން އަހަންނަށް ކޮށްދިން ހުރިހާ ކަމަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. އަދި ކޮންމެ ހާލަތެއްގައިވެސް އަހަންނަށް ސަޕޯޓު ދިން ޔުނައިޓެޑްގެ ހުރިހާ ސަޕޯޓަރުންނަށް ވެސް ޝުކުރު އަދާކުރަން. " ޔަންގް ޓުވިޓާގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

ޔަންގް ޔުނައިޓެޑް ދޫކޮށްލުމުން ދެން އެ ޓީމުގެ ކެޕްޓަން ބޭންޑާ ދާއިމީ ގޮތެއްގައި ހަވާލުވާނީ ހެރީ މެގުއާ އެވެ. މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ލެސްޓާ އިން ބޮޑު އަގުގައި ޔުނައިޓެޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު މެގުއާ ވަނީ މި ސީޒަނުގައި ޔުނައިޓެޑް ކުޅުނު ގިނަ މެޗުތަކެއްގައި ކެޕްޓަން ބޭންޑް އަޅައިފަ އެވެ.