އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއް ވަންދެން ކުޅުމާއި ދުރުގައި ހުރުމަށްފަހު އެނބުރި އައިސް އަންނަ ހަފުތާ ތެރޭ ކްލަބުގެ ފަރިތަކުރުންތަކުގައި ވިންގާ ލިރޯއީ ސާނޭ ބައިވެރިވާން ފަށާނެ ކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ކުޅުނު އިނގިރޭސި ކޮމިއުނިޓީ ޝީލްޑް ޗުގައި ސާނޭގެ ފައިގެ ލިގަމެންޓަށް އަނިޔާވެ އޮޕެރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ފާއިތުވެދިޔަ ހަ މަސް ދުވަހު އޭނާ ހުރީ ކުޅުމުން ބޭރުގަ އެވެ. ނަމަވެސް ޖަރުމަން ކުޅުންތެރިއާ މިހާރު އަންނަނީ ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ މިދިޔަ ހަފުތާގައި ނޫސްވެރިންނަށް މައުލޫމާތުދީފަ އެވެ.

އޭގެ ފަހުން އިއްޔެ ސާނޭގެ ރިކަވަރީ އާއި ބެހޭގޮތުން މީޑިއާތަކުން ކުރި ސުވާލަކަށް ޖަވާބު ދެމުން ގާޑިއޯލާ ބުނީ ސާނޭގެ ޙާލަތު އަންނަނީ ދުވަހެއް ދުވަހަކުން ރަނގަޅު ވަމުން ކަމަށާއި އެންމެ ލަސްވެގެން އަންނަ ހަފުތާގައި ސާނޭ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާނެ ކަމަށެވެ.

ސާނޭގެ އިތުރުން ސިޓީގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ވެސް ހަތަރު މަސް ދުވަހަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރު ވަމުން އަންނަ އިރު މި ދެކުޅުންތެރިން ޓީމާ ގުޅުން ވެގެންދާނީ ގާޑިއޯލާ އަށް ލިބިގެންދާނެ ބޮޑު ހިތްހަމަޖެހުމަކަށެވެ.

މެންޗެސްޓާ ސިޓީ އަށް ދެން ކުރިއަށް އޮތީ އިނގިރޭސި ލީގުގައި ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް އެތިހާދުގައި ކުޅެން އޮތް މެޗެވެ. މި މެޗާ ކުރިމަތިލާއިރު އެ ޓީމު އޮތީ 47 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއްވަނައިގައި 14 ޕޮއިންޓުގެ ލީޑަކާއެކު އޮތީ ލިވަޕޫލެވެ.