ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕަލަސް އާއި ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވެ ލީގު ރޭހުގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އަނެއްކާވެސް ފިޔަވަޅެއް ފަހަތަށް އަޅައިފި އެވެ.

އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު އެއްވަރުވީ 2-2 އިންނެވެ. ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ގެރީ ކެހިލް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޕަލަސް އަށް ލީޑު ނަގައިދިނީ ސެންކް ޓޮސުން އެވެ. އޭގެ ފަހުން މެޗުގެ ފަހު ދިހަ މިނެޓު ތެރޭ ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ދެ ލަނޑުން ސިޓީން މެޗުގެ ނަތީޖާ އަނބުރާލި ނަމަވެސް އެޓީމަށް ނުތަނަވަސްކަން ކުރިމަތިވީ ފަހު މިނެޓުގައި ފަނަންޑީނިއޯ އަތުން ބައިކޮޅަށް ލަނޑެއް ވަދެ ޕޮއިންޓަކުން ފަރުޖައްސާލަން ޖެހުމުންނެވެ.

މި ނަތީޖާއާއެކު ސިޓީ އޮތީ 48 ޕޮއިންޓް ހޯދައިގެން ތާވަލުގެ ދެ ވަނައިގަ އެވެ. މާދަމާ ރޭ އެންފީލްޑުގައި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްގެން އެއްވަނައިގައި 16 ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ލިވަޕޫލަށް އެބައޮތެވެ. ލިވަޕޫލް އެއްވަނައިގައި އޮތީ ސިޓީ އަށް ވުރެ ދެ މެޗު މަދުން ކުޅެގެން 61 ޕޮއިންޓާއެކު އެވެ.

ސިޓީ އެއްވަރުވި އިރު އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސް ވެސް ފަރުޖައްސާލަން ޖެހުނީ ޕޮއިންޓަކުންނެވެ. ވިކަރެޖް ރޯޑުގައި ވެޓްފޯޑު އަތުން ޓޮޓެންހަމް ސަލާމަތްވީ ފަހު ވަގުތު ޓްރޯ ޑީނޭ ފޮނުވާލި ޕެނަލްޓީ ކީޕަރު ޕައުލޯ ގަޒަނިގާ މަތަކުރުމުންނެވެ. މިއީ އޭރިއާ ތެރެއިން ޑިފެންޑަރު ޖަން ވަޓޮންގްހެން އަތުގައި ބޯޅަ ޖެހުނު ކަމަށް ނިންމައި ރެފްރީ ވެޓްފޯޑަށް ދިން ޕެނަލްޓީއެކެވެ. މިއީ މޮޅެއް ނުލިބިި ލީގުގައި ޓޮޓެންހަމުން ޖެހިޖެހިގެން ނިންމާލި ހަތަރު ވަނަ މެޗެވެ. މި ނަތީޖާއާއެކު 31 ޕޮއިންޓް ލިބިގެން އަށް ވަނައިގައި ޓޮޓެންހަމް އޮތް އިރު މި މެޗުން ލިބުނު ޕޮއިންޓާއެކު ވެޓްފޯޑު ވަނީ ރެލިގޭޝަން ޒޯނުން ސަލާމަތްވެ ތާވަލުގެ ސަތާރަ ވަނަ އަށް ޖެހިލައިފަ އެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި އާސެނަލް އާއި ޝެފީލް ޔުނައިޓެޑް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމުނީ 1-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ބުކާޔޯ ސާކާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ގެބްރިއެލް މާޓިނެލީ އާސެނަލް އަށް ލީޑު ހޯދައިން އިރު ޝެފީލްޑަށް ނަތީޖާ އެއްވަރު ކޮށްދިނީ 83 ވަނަ މިނެޓުގައި ޖޯން ފްލެކް އެވެ. އާސެނަލް އޮތީ 29 ޕޮއިންޓާއެކު ތާވަލުގެ ދިހަ ވަނައިގަ އެވެ. ޝެފީލްޑް އޮތީ 33 ޕޮއިންޓް ހޯދައިގެން ހަތް ވަނައިގަ އެވެ.