އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް، ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި އެ ޓީމުން ދަމައްހައްޓަމުން އަންނަ ލީޑު 16 ޕޮއިންޓަށް ފުޅާކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑުގެ މައްޗަށް ލިވަޕޫލް އިން ކުރިހޯދީ 2-0ގެ ނަތީޖާއަކުންނެވެ. ތާވަލުގެ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީ އާއި ތިންވަނައިގައި އޮތް ލެސްޓާ ސިޓީ ކުޅުނު މެޗުތަކުން މޮޅުނުވެވުމުގެ ފައިދާ ނަގައި ލިވަޕޫލުން އެއްވަނައިގައި ފަރަގު ބޮޑުކުރީ 22 މެޗުން މުޅިއެކު 64 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ސިޓީ އަށް 23 މެޗުން 48 ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލެސްޓާ އަށް 23 މެޗުން ލިބިފައިވަނީ 45 ޕޮއިންޓެވެ. ރޭ ލިވަޕޫލް އަތުން ބަލިވި ޔުނައިޓެޑް އޮތީ 34 ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ.

އެންފީލްޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓުގައި އެލެގްޒާންޑާ އާނޯލްޑް ނަގައިދިން ކޯނަރަކުން ލިވަޕޫލަށް ލީޑު ހޯދައިދިނީ ވާޖިލް ވެން ޑައިކް އެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 އިން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ލީޑު ފުޅާކުރަން ރަނގަޅު ދެ ފުރުސަތެއް ލިވަޕޫލަށް ލިބިގެންދިޔައެވެ. އެގޮތުން މިސްރުގެ ފޯވަޑް މުހައްމަދު ސަލާހު ފޮނުވާލި ހަމަލާ ޔުނައިޓެޑުގެ ގޯލާ އަމާޒު ނުވެ ބޭރަށްދިޔަ އިރު ޖޯޑަން ހެންޑަސަން ފޮނުވާލި ބޯޅަ އަމާޒުވީ ޔުނައިޓެޑުގެ ގޯލުގެ ދަނޑިއަށެވެ. އޭގެ ފަހުން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރި އެވެ. އެގޮތުން އެންތޮނީ މާޝިއަލް އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ލިވަޕޫލުން މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު އިތުރު ވަގުތުގައި ކީޕަރު އެލިސަން ބެކާ ދިން ބޯޅައަކުން ކާމިޔާބުކޮށްދިނީ ސަލާހެވެ. މިއީ ޔުނައިޓެޑާ ދެކޮޅަށް ސަލާހު ކުޅުނު ފަސް މެޗުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.