ސަޑިއޯ މާނޭގެ ހެޓްރިކާ އެކު ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޕޯޓޯގެ މައްޗަށް 0-5 އިން ކުރި ހޯދައި މުބާރާތުގެ ކުއާޓާފައިނަލާއި ގާތަށް ލިވަޕޫލް އިން ޖެހިލައިފިއެވެ.

ޕޯޓޯގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ލިވަޕޫލް އަށް މެޗުގެ 25 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާނޭއެވެ. އަދި އޭގެ ހަތަރު މިނެޓްފަހުން މުހައްމަދު ސަލާހު ވަނީ ރީތި ގޯލެއް ކާމިޔާބުކޮށްދީ ލިވަޕޫލްގެ ލީޑު ފުޅާކޮށްދީފައެވެ. މި ގޯލާ އެކު މި ސީޒަނުގައި ސަލާހު ކާމިޔާބުކުރި ގޯލުގެ އަދަދު މިހާރު ވަނީ 30 އަށް އަރާފައެވެ.

ދެ ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފް ލިވަޕޫލް އިން ނިންމާލިއިރު ދެވަނަ ހާފްގެ ކުރީކޮޅު މާނޭ ވަނީ އެޓީމުގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ލިވަޕޫލްގެ ހަތަރުވަނަ ގޯލު މެޗުގެ 69 ވަނަ މިނެޓްގައި ރޮބާޓޯ ފަމީނޯ ކާމިޔާބުކޮށްދިންއިރު އެޓީމުގެ ފަސްވަނަ ގޯލު މެޗުގެ 85 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީ މާނޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި ހެޓްރިކާ އެކު މާނޭ ވެގެން ގޮސްފައިވަނީ 2002 ވަނަ އަހަރަށްފަހު ރަށުން ބޭރުގައި ކުޅެ ޗެމްޕިއަންސް ލީގުގައި ހެޓްރިކެއް ހެދި ލިވަޕޫލްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މި މަގާމު މީގެކުރިން އޮތީ މައިކަލް އޮވެންގެ އަތުގައެވެ.

މުބާރާތުގެ ކުއާޓާފައިނަލާ ގާތަށް ލިވަޕޫލް އިން ޖެހިލާފައިވާއިރު އެޓީމުގެ ކޯޗު ޔާގަން ކްލޮޕް ބުނީ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ފުރިހަމަ ކުޅުމެއް ކަމަށާއި ގޯލުތައް ވެސް ކާމިޔާބުކޮށްފައި ހުރީ އެންމެ ރަނގަޅު ވަގުތު ތަކުގައި ކަމަށެވެ. ބޮޑު މޮޅެއް ފުރަތަމަ ލެގުން ލިބުނު ނަމަވެސް އަނެއް ބުރަށް ދެވުނީ ކަމަށް އަދި ނިންމައިގެން ނުވާނެ ކަމަށްވެސް ކްލޮޕް ބުންޏެވެ.

ލިވަޕޫލް އާއި ޕޯޓޯ ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މަހުގެ ހަވަނަ ދުވަހުއެވެ.