ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއެރޯ ކާމިޔާބުކުރި ހަމައެކަނި ލަނޑުން ޝެފީލްޑް ޔުނައިޓެޑުގެ މައްޗަށް ޗެމްޕިއަން މެންޗެސްޓާ ސިޓީން އުނދަގޫ މޮޅެއް ހޯދައިފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ޝެފީލްޑުގެ މައްޗަށް ހޯދި މޮޅާއެކު ސިޓީން ވަނީ ލީގް ތާވަލުގެ އެއްވަނައިގައި އޮތް ލިވަޕޫލާ އެ ޓީމާއި ދެމެދުގައިވާ ފަރަގު 13 ޕޮއިންޓަށް ދަށްކޮށްފަ އެވެ. ސިޓީ އަށް ވުރެ ދެ މެޗު މަދުން ކުޅެފައިވާ ލިވަޕޫލަށް ލިބިފައިވަނީ 64 ޕޮއިންޓެވެ. ސިޓީ ދެވަނައިގައި އޮތީ 51 ޕޮއިންޓާއެކު އެވެ. ޝެފީލްޑް އޮތީ 33 ޕޮއިންޓާއެކު ހަތް ވަނައިގައެވެ.

ޝެފީލްޑުގެ ދަނޑުގައި ރޭ ކުޅުނު މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އަނިޔާ އިން ސަލާމަތްވެ ދާދި ފަހުން ކުޅުމުގެ ތެރެއަށް އެނބުރި އައި ފްރާންސް ޑިފެންޑަރު އައިމެރިކް ލަޕޯޓް ހިމަނައިފައެވެ. އުމުރުން 24 އަހަރުގެ ލަޕޯޓް އަށް އަނިޔާވީ ލީގުގައި މިދިޔަ އަހަރުގެ އޮގަސްޓް މަހު ސިޓީ އާއި ބްރައިޓަން ވާދަކުރި މެޗުގައެވެ. އެ މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ފައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ފާއިތުވެދިޔަ ފަސް މަސް ދުވަހު އަނިޔާގައި ހުރި ލަޕޯޓު އެނބުރި ކުޅުމުގެ ތެރެއަށް އައުމަކީ އެޓީމު ކުރިއަށްތަނުގައި ޑިފެންސިވްލީ ވަރުގަދަ ވެގެންދާނެ ކަމެކެވެ.

ރޭގެ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ އިދިކޮޅު ގޯލަށް ބޮޑަށް ނުރައްކާ ކުރީވެސް ސިޓީ އިންނެވެ. ފުރަތަމަ ހާފުގައި ޝެފީލްޑުގެ ގޯލު ފޫއަޅުވާލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ގެބްރިއެލް ހެސުސް އަށެވެ. ރިޔާދު މަހްރޭޒް އަށް ޝެފީލްޑުގެ ކްރިސް ބަޝަމް ކުރި ފައުލަކަށް ރެފްރީ ސިޓީ އަށް ދިން ޕެނަލްޓީގައި ހެސުސް ފޮނުވާލި ބޯޅަ ކީޕަރު ހެންޑަސަން ވަނީ މަތަކޮށްފައެވެ. ހެންޑަސަންގެ ފަރާތުން މި މެޗުގައި މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު އޭނާ ވަނީ މި ހާފުގައި ނިކޮލަސް އޮޓަމެންޑީ އާއި ރަހީމް ސްޓާލިންގް ފޮނުވާލި ހަމަލާތަކެއް މަތަކޮށްފައެވެ.

ދެވަނަ ހާފުގައި ވެސް ސިޓީގެ ހަމަލާތަކުން ޝެފީލްޑް ސަލާމަތްކޮށްދިނީ ހެންޑަސަން އެވެ. އެގޮތުން މިހާފުގެ ކުރީކޮޅު ކެވިން ޑެބްރައިން ނަގައިދިން ކޯނަރެއްގައި ރޮޑްރީ ބޮލުން ފޮނުވާލި ބޯޅައެއް ހެންޑަސަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ. ސިޓީ އަށް ޝެފީލްޑުގެ ގޯލު ފޫއަޅުވާލެވުނީ 73 ވަނަ މިނެޓުގައެވެ. ޑެބްރައިންގެ ހިތްގައިމު ޕާހަކުން އަގުއެރޯ މި ލަނޑު ކާމިޔާބުކޮށްދިން އިރު މިއީ މިދިޔަ ތިން މެޗުގައި އޭނާ ޖެހި ހަވަނަ ލަނޑެވެ.

ސިޓީ އަށް ދެން ކުރިއަށް އޮތީ އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ފުލަމް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.