އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީގައި އެންމެ މޮޅަށް ޕެނަލްޓީ ޖަހަން ހުރި ކުޅުންތެރިއަކީ ގޯލްކީޕަރު އެޑަސަން މޯރެސް ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ މިހެން ބުނީ އިނގިރޭސި މީޑިއާ އާއި ވާހަކަ ދައްކަމުންނެވެ. އޭނާ ބުނީ ސިޓީ އަށް ލިބޭ ޕެނަލްޓީތައް ބޭކާރު ކޮށްލެވޭ ކަމަކީ މިހާރު ވަރަށް ސީރިއަސް މައްސަލައެއް ގޮތުގައި ނަގަން ޖެހިފައިވާ ކަމެއް ކަމަށެވެ.

ފަހަކަށް އައިސް ސިޓީން ވަނީ އެޓީމަށް ލިބުނު ގިނަ ޕެނަލްޓީތައް ބޭކާރުކޮށްފަ އެވެ. އެގޮތުން ލީގު މެޗެއްގައި އެންމެ ފަހުން ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅުނު މެޗުގައި ބްރެޒިލް ފޯވަޑް ގެބްރިއެލް ހެސުސް ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފަ އެވެ. 0-0 އިން ދެޓީމު އެއްވަރުވެފައި ވަނިކޮށް ލީޑު ނަގަން ހެސުސް އަށް ލިބުނު އަށް ފުރުސަތު އޭނާ ބޭކާރުކޮށްލި އިރު ގާޑިއޯލާ ވަނީ ދެވަނަ ހާފުގައި އޭނާ ބަދަލުކޮށްފަ އެވެ. ހެސުސްގެ އިތުރުން ފޯވަޑް ރަހީމް ސްޓާލިންގް އާއި ސާޖިއޯ އަގުއެރޯ ވެސް ވަނީ މިދިޔަ ދެ ވަރަކަށް މަސް ތެރޭ ގިނަ ޕެނަލްޓީތަކެއް ބޭކާރުކޮށްފަ އެވެ.

" ކުޅުންތެރިންގެ މައްޗަށް އިތުބާރު އޮވޭ. އެކަމަކު މިހާރު އަހަރެން އެބަ ބަލަން ޖެހޭ ޕެނަލްޓީ ޖަހާނީ ކޮން ކުޅުންތެރިއަކުކަން އެމީހުން ނިންމާ ގޮތް. މީގަ މައްސަލަ އަކީ ހަމައެކަނި ގެބްރިއެލް އެއްވެސް ނޫން. ސާޖިއޯ ވެސް ދެ ޕެނަލްޓީ މިސްކޮށްފި. ސްޓާލިންގް ވެސް. މިއީ ވަރަށް މުހިއްމު ކަމެއް. ބައެއް ފަހަރު ޕެނަލްޓީ އަކީ ނަތީޖާ ނެރެން ލިބޭ ހަމައެކަނި ފުރުސަތަކީ. އެހެންކަމުން އަހަންނަށް ހީވަނީ މީގެފަހުން ދެން އަހަރެން ހެން ޕެނަލްޓީ ޖަހާނެ ކުޅުންތެރިއަކު ކަނޑައަޅަންވީ، " ގާޑިއޯލާ ބުންޏެވެ.

ގާޑިއޯލާގެ މިވާހަކަތަކާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެމުން އޭނާ ބުނީ އޭނާގެ ވިސްނުމުގައި ސިޓީގެ ޕެނަލްޓީތައް ޖަހަން ވަކި ހާއްސަ ކުޅުންތެރިއަކު އެބަހުރި ކަމަށާއި ނަމަވެސް އެއީ ކާކު ކަމެއް ހާމަ ކުރަން ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެއާ ވިދިގެން އޭނާ ބުނީ ސިޓީ ކުޅުންތެރިންގެ ތެރެއިން ޕެނަލްޓީ ޖަހަން އަށް އެންމެ ރަނގަޅީ ކީޕަރު އެޑަސަން ކަމަށެވެ.

" އެޑަސަން އެންމެ މޮޅީ. އަހަރެމެން ތެރޭ ހުރި އެންމެ މޮޅު ޕެނަލްޓީ ޓޭކާ އަކީ އެޑީ. އޭނާ އަކީ ވަރަށް ހަމަޖެހިލައިގެން ކުޅޭ ކުޅުންތެރިއެއް. އޭނާ އަށް މިކަން ވާނެ، " ގާޑިއޯލާ ބުންޏެވެ.

އެޑަސަން ވަނީ މީގެ ކުރިން ޕެނަލްޓީ ޖަހަން ބޭނުންވާ ކަމަށް މީޑިއާގައި ވެސް ބުނެފަ އެވެ. އެގޮތުން 2018 ވަނަ އަހަރު ހެސުސް އަތުން ބޭކާރުވި ޕެނަލްޓީއަކާއި ގުޅިގެން މީޑިއާ އާއި ވާހަކަ ދައްކަމުން އެޑަސަން ބުނީ މެނޭޖަރު އޭނާ އަށް ފުރުސަތު ދޭނަމަ އުފަލާއެކީ ގޮސް ޕެނަލްޓީތައް ކާމިޔާބުކުރާނެ ކަމަށެވެ.