ފުލަމް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އެތިހާދު ސްޓޭޑިއަމްގައި ކުޅުނު މެޗު ސިޓީން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0 އިންނެވެ. މި މެޗަށް ސިޓީން ނުކުތީ މުހިއްމު ގިނަ ކުޅުންތެރިންނާ ނުލައެވެ. އެގޮތުން ކެވިން ޑެބްރައިން އާއި ސާޖިއޯ އަގުއެރޯ އާއި ރަހީމް ސްޓާލިންގް އިތުރުން ކީޕަރު އެޑަސަން މޯރެސް ވެސް މެޗު ފެށީ ބެންޗުންނެވެ.

މެޗުގައި ސިޓީން ޖެހި ފުރަތަމަ ލަނޑު ފުރަތަމަ ހާފުގެ އަށް ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ އައިކޭ ގުންޑޮގަން އެވެ. މިއީ ޕެނަލްޓީ އޭރިއާ ތެރެއިން ގެބްރިއެލް ހެސުސް އަށް ފުލަމްގެ ޑިފެންޑަރު ޓިމް ރީމް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ސިޓީ އަށް ދިން ޕެނަލްޓިއެކެވެ. މި ފައުލާއި ގުޅިގެން ރެފްރީ ވަނީ ރީމް އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ފިލް ފޮޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި ބެނާޑޯ ސިލްވާ ޖެހި ލަނޑުން ސިޓީން ފުރަތަމަ ހާފު ނިންމާލީ ދެ ލަނޑުގެ ލީޑެއްގައި އޮވެއެވެ. ސިޓީގެ ފަހު ދެ ލަނޑު ދެވަނަ ހާފުގައި ކާމިޔާބުކުރީ ހެސުސް އެވެ. 21 އަހަރުގެ ބްރެޒިލް ފޯވަޑް އޭނާގެ ފުރަތަމަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ޔާއޯ ޗާންސެލޯ ދިން ބޯޅައެއްގައި ޖެހި އިރު ދެވަނަ ލަނޑު ޖެހީ އޭގެ ތިން މިނެޓު ފަހުންނެވެ. މި ދެ ލަނޑާއެކު އެފްއޭ ކަޕްގައި ހެސުސް މިހާތަނަށް ކުޅުނު އަށް މެޗުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ 11 އަށް އަރައިފައެވެ.

ސިޓީ މޮޅުވެ ގަދަ ސޯޅަ އަށް ދަތުރުކުރި އިރު އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޝްރޫސްބަރީ ޓައުން އިން ވަނީ އަމިއްލަ ދަނޑުގައި ވަރުގަދަ ލިވަޕޫލް ހިފަހައްޓައިފައެވެ. ލިވަޕޫލްގެ ވެސް ބެންޗު ޓީމު ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އެޓީމުންނެވެ. އެގޮތުން 15 ވަނަ މިނެޓުގައި ކާޓިސް ޖޯންސް ޖެހި ލަނޑުން ލިވަޕޫލުން ލީޑު ނެގި އިރު އެޓީމުން ލީޑު ފުޅާކުރީ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓުގައި ޝްރޫސްބަރީގެ ޑޮނާލްޑް ލަވް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ.

ޝްރޫސްބަރީން ފަރަގު ކުޑަކުރީ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުން ޖޭސަން ކަމިންގްސް ޖެހި ލަނޑުންނެވެ. މިއީ ޖޯޝް ލައުރެންޓް އަށް ލިވަޕޫލްގެ ޑިފެންޑަރު ޔަސާ ލަރޫޗީ ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީ އެކެވެ. 2-1 އިން ލިވަޕޫލް މޮޅަކާއި ދިމާލަށް ދަތުރު ކުރަމުން ދަނިކޮށް ކަމިންގްސް ވަނީ 75 ވަނަ މިނެޓުގައި ދެވަނަ ލަނޑެއް ޖަހައި ޝްރޫސްބަރީ އަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ. މި މެޗު އެއްވަރުވުމުން ގަދަ ސޯޅަ އަށް ދާ ޓީމެއް ކަށަވަރު ކުރުމަށް އަލުން ރިޕްލޭ މެޗެއްގައި މިދެޓީމު ވާދަކުރާނެ އެވެ.