ލާޔާ ސްޕޯޓްސް އެކަޑަމީން، ގަދ.ގައްދޫގައި ބޭއްވި ހޭންޑް ބޯލް، ކޯޗިން ކޯސް ނިންމާލައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.

މިމަހުގެ 15 ން 25 ށް ކުރިއަށް ގެންދިޔަ މި ކޯހުގެ، ޕްރެކްޓިކަލް އަދި ތިއަރީ ޓެސްޓުން ފާސްވި ފަރާތްތަކަށް ސެޓްފިކެޓް ދިނުމަށް މިދިޔަ އާދިއްތަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތުގައި 35 ބައިވެރިއަކު ވަނީ ސެޓްފިކެޓް ހާޟިލްކޮށްފައެވެ.

"ހޭންޑް ބޯލް ކޯސް ފުރިހަމަ ކުރި ހުރިހާ ބައިވެރިންނަށް ވަރަށް ބޮޑަށް މަރުޙަބާ ދަންނަވަން. އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ، ވޮލީ ބޯލް ކޯޗިން ކޯހެއް ކުރިއަށް ގެންދިއުމަށް. އަދި ކުދިން މި ދާއިރާއިން ތަމްރީން ކުުރުމަށް އެންމެ ބޮޑު އިސްކަމެއް ދެނީ." އެކަޑަމީގެ ރައީސް، އަޙުމަދު ފަހީމް ވިދާޅުވިއެވެ.

ލާޔާ ސްޕޯޓްސް އެކަޑަމީއަކީ، ކުޅިވަރުގެ ދާއިރާއިން ގައްދޫގައި ހުނަރުވެރި ޒުވާނުން އުފެއްދުމުގެ މަޤުޞަދުގައި އުފައްދާފައިވާ އެކަޑަމީއެކެވެ.

މި އެކަޑަމީގެ ހަރަކާތްތަކާއި ގުޅިގެން "ވަގުތު" އަށް މަޢުލޫމާތު ދެއްވަމުން މި އެކަޑަމީގެ ރައީސް އަޙުމަދު ފަހީމް ވިދާޅުވީ، މި އެކަޑަމީގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކުޅިވަރުގެ އެކިއެކި ޕްރޮގްރާމު ތަކުގައި ބައިވެރިވުމުގެ ފުރުޞަތު މިއަހަރުގެ ފެބްރުއަރީ މަހު ހުޅުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، އެގޮތުން، ފުޓުބޯޅަ، ހޭންޑް ބޯޅަ، އަދި އެތްލެޓިކްސް ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

"މިއަންނަ ފެބްރުއަރީ މަސް ތެރޭގައި އަޅުގަނޑުމެން ހުޅުވާލާނަން ރަޖިސްޓްރީ ވުމުގެ ފުރުޞަތު. އެގޮތުން ފުޓުބޯޅަ، ހޭންޑް ބޯޅަ، އަދި އެތްލެޓިކްސް ވެސް ފެށުމަށް ވަނީ ހަމަޖެހިފަ. މިކަމުގައި ހުރިހާ ފަރާތްތަކުން ދެއްވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން." ފަހީމް ވިދާޅުވިއެވެ.

އަދި މިކަމުގައި ގައްދޫ ކައުންސިލް އަދި ސުކޫލުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭ ކަމަށާއި، އެހެންކަމުން އެ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށްވެސް ފަހީމް ވިދާޅުވިއެވެ.