ކިލިއަން އެމްބާޕޭގެ ދެ ގޯލާއެކު ކައެންގެ މައްޗަށް 3-1 އިން ކުރި ހޯދާ ފްރެންޗް ކަޕްގެ ފައިނަލަށް ޕީއެސްޖ ދަތުރުކޮށްފިއެވެ.

ކައެންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 25 ވަނަ މިނެޓްގައި ޕީއެސްޖީ އިން ވަނީ ލީޑު ނަގާފައެވެ. ކަވާނީ ދިން ޕާހަކުން މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް އެމްބާޕޭއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޑިއޮމާންޑޭ ވަނީ ކައެން އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

ދެ ޓީމު ވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ދެވަނަ ހާފްގައި ޕީއެސްޖީ އިން ދިޔައީ ދެވަނަ ފަހަރަށް ލީޑު ނެގުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. ނަތީޖާ އެއްގެ ގޮތުން މެޗުގެ 81 ވަނަ މިނެޓްގައި އެމްބާޕޭ ވަނީ ޕީއެސްޖީގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. މިއީ މި ސީޒަނުގައި އެމްބާޕޭ ކާމިޔާބުކުރި 21 ވަނަ ގޯލެވެ. އަދި ޕީއެސްޖީގެ ތިންވަނަ ގޯލު މެޗުގެ ފަހު މިނެޓްގައި ކާމިޔާބުކޮށްދިނީ އެންކޫނޫއެވެ.

މިއީ ފްރެންޗް ކަޕްގެ ފައިނަލަށް ޕީއެސްޖީ ޖެހިޖެހިގެން ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. ޕީއެސްޖީ އިން ވަނީ ފާއިތުވި ތިން އަހަރު ވެސް މި މުބާރާތް ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ފައިނަލްގައި އަންނަ މަހުގެ އަށްވަނަ ދުވަހު ޕީއެސްޖީ ބައްދަލުކުރާނީ ފްރާންސްގެ ތިންވަނަ ޑިވިޝަނުގެ ޓީމެއް ކަމަށްވާ ލެސް ހާބިއާސްއާއެވެ.

ޕީއެސްޖީ އިން ވަނީ މި ސީޒަނުގައި މިހާތަނަށް ފްރެންޗް ލީގާއި ފްރެންޗް ލީގު ކަޕް ކާމިޔާބުކޮށްފައެވެ.