އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ ޖަރުމަން ފޯވަޑް ލިރޯއީ ސާނޭ ކްލަބުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ލިވަޕޫލާ ދެކޮޅަށް ކުޅުނު އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި ސާނޭގެ ފައިގެ ލިގަމެންޓަށް އަނިޔާވެ އޮޕެރޭޝަނެއް ކުރަން ޖެހުމުގެ ސަބަބުން ފާއިތުވެދިޔަ ހަ މަސް ދުވަހު އޭނާ ހުރީ ކުޅުމުން ބޭރުގަ އެވެ. ނަމަވެސް ޖަރުމަން ކުޅުންތެރިއާ މިހާރު އަންނަނީ ކުޅުމުގެ ތެރެއަށް އެނބުރި އައުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

އަނިޔާއިން ސަލާމަތްވެ ސާނޭ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށި ނަމަވެސް، އެއްކޮށް ފިޓްވެ ކުޅުމުގެ ތެރެއަށް އަންނާނެ ދުވަހެއް އަދި މުޅިން ޔަގީން ނުވާ ކަމަށް ސިޓީގެ ކޯޗު ގާޑިއޯލާ ވަނީ ބުނެފައެވެ.

"ސާނޭ މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފި. އެކަމަކު ހަ މަސްދުވަހުގެ ބޮޑު އަނިޔާއަކަށްފަހު އެނބުރި ކުޅުމުގެ ތެރެއަށް އަންނަ އިރު ވަރަށް ސަމާލުވާން ޖެހޭ. މިއީ ކަކުލުގެ އަނިޔާއެއް. ކަކުލަށް ލިބޭ އަނިޔާއިން މުޅިން ފިޓްވާން ވަގުތު ބޭނުންވާނެ. އަދި ދެތިން ހަފުތާ ސާނޭ އަށް ބޭނުންވޭ މުޅިން ފިޓްވާން. އޭނާ އަކީ އަހަރެމެންނަށް ވަރަށް މުހިއްމު ކުޅުންތެރިއެއް. އެހެންކަމުން އަވަސް އަރުވާލައިގެން އެއްވެސް ކަމެއް ކުރާކަށް ބޭނުމެއް ނޫން،" މީޑިއާތަކާއި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

ޖަރުމަންގެ ޝާލްކޭ އިން ސިޓީ އަށް ބަދަލުވި ފަހުން ސާނޭ އަންނަނީ އެ ކްލަބުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސާނޭ ވަނީ ސިޓީއަށް ކުޅެދިން 134 މެޗުގައި 39 ލަނޑު ޖަހައިފައެވެ. ސިޓީ ޖާޒީގައި އޭނާ ވަނީ ލީގު ދެ ފަހަރު، ލީގު ކަޕް ދެ ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ކާމިޔާބު ކޮށްފައެވެ.

މެންޗެސްޓާ ސިޓީ އަށް ދެން ކުރިއަށް އޮތީ އިނގިރޭސި ލީގުގައި ވެސްޓް ހަމް ޔުނައިޓެޑާ ދެކޮޅަށް އެތިހާދުގައި ކުޅެން އޮތް މެޗެވެ. މި މެޗާ ކުރިމަތިލާއިރު އެ ޓީމު އޮތީ 51 ޕޮއިންޓާއެކު ތާވަލުގެ ދެ ވަނައިގަ އެވެ. އެއްވަނައިގައި 73 ޕޮއިންޓާއެކު އޮތީ ލިވަޕޫލެވެ.