އިންގްލަންޑުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނޫން ޓީމެއްގެ ކޯޗު ކަމުގައި ހުރެ ކާމިޔާބީ ހޯދޭނެ ފެންވަރެއް އޭނާގެ ގައިގައި ނެތް ކަމަށް ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އިންގްލަންޑުގެ މީޑިއާތަކާއި ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ އޭނާ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު ކޯޗު ނޫން ކަމަށާއި އޭނާ އަށް ވުރެ މޮޅެތި ބައިވަރު ކޯޗުން އެބަތިބި ކަމަށެވެ. އަދި ބާސެލޯނާ އާއި މެންޗެސްޓާ ސިޓީ ފަދަ ކްލަބުތަކުގައި ބޮޑެތި ކާމިޔާބީތައް ހޯދިފައި ހުރި އޭނާގެ މޮޅުކަމަކުން ނޫން ކަމަށާއި އެއީ ދުނިޔޭގެ ފެންވަރުގެ މޮޅެތި ކުޅުންތެރިން އެޓީމު ތަކުގައި ތިބުމުން ކަމަށެވެ.

" އަހަންނަށް އެއްވެސް އިރަކު އިހުސާސެއް ނުވޭ އަހަންނަކީ އެންމެ މޮޅު ކޯޗޭ. އަހަރެން ބާސެލޯނާ އާއެކު ސީޒަނެއްގައި ހަ ތަށި ނެގި ފަހަރު ވެސް އިހުސާސެއް ނުވޭ އެގޮތަކަށް. އެވަރުގެ ކާމިޔާބީ ލިބުނީ ހުނަރުވެރި މޮޅެތި ކުޅުންތެރިން ތިބުމުން. އަހަންނަށް ވުރެ މާ މޮޅެތި މެނޭޖަރުން އެބަތިބި. އެމީހުންގެ ޓީމަކު ނެތް އެ ފެންވަރުގެ މޮޅެތި ކުޅުންތެރިން ވެސް. އަހަންނަކީ މޮޅު ކޯޗެއް. އެކަމަކު އެންމެ މޮޅެއް ނޫން. ސިޓީ ނޫން ކްލަބެއް އަހަންނަށް ދީ. ނުލިބޭނެ ކާމިޔާބީއެއް، " ގާޑިއޯލާ ބުންޏެވެ.

ދުނިޔޭގެ ކުޅިވަރުގެ މީޑިއާގެ ސަމާލުކަމަށް ގާޑިއޯލާ އައީ އޭނާ ބާސެލޯނާގައި ހޭދަކުރި ދުވަސްވަރުގައެވެ. ބާސާ ދޫކޮށްލުމަށްފަހު އޭނާ ވަނީ ޖަރުމަނުގެ ބަޔާން މިއުނިކާއި މެންޗެސްޓާ ސިޓީއާއެކު ވެސް ލީގު ކާމިޔާބުކޮށްފައެވެ. ތިން ގައުމެއްގައި އަށް ފަހަރެއްގެ މަތިން ލީގު ޗެމްޕިއަންކަން ހޯދައިފައިވާ ގާޑިއޯލާ ވަނީ އެހެނިހެން މުބާރާތްތައް ވެސް ގިނަ އަދަދަކަށް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ޔޫރަޕްގައި ގާޑިއޯލާ އަށް އެއްވެސް ކަހަަލަ ކުރިއެރުމެއް ނުލިބޭތީ އޭނާ އަށް ފާޑުކިޔުންތަކެއް އަމާޒުވަމުންދެ އެވެ. އެގޮތުން ބޮޑު އަދަދުން ހަރަދުކޮށް މޮޅެތި ކުޅުންތެރިން ގެނެސްގެން ވެސް ގާޑިއޯލާ އަށް ޗެމްޕިއަންސް ލީގުގައި ކާމިޔާބީ އެއް ނުލިބޭކަމީ އޭނާގެ ކޯޗިންގް ފެންވަރާމެދު ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. ގާޑިއޯލާގެ ކޯޗިންގް ކެރިއަރުގައި ހޯދާފައިވާ 2 ޗެމްޕިއަންސް ލީގަކީ ވެސް ބާސާގައި ހުރެ ހޯދި ދެ މުބާރާތެވެ.

މިދިޔަ ދެ ސީޒަނުގައި އިންގްލަންޑުގެ ޗެމްޕިއަންކަން ސިޓީން ހޯދި ނަމަވެސް މިފަހަރު އެޓީމަށް ލީގުގައި މާ އެދެވޭ ކުޅުމެއް ނުދެއްކެ އެވެ. އޭގެ ބަދަލުގައި ސިޓީ އަށް ވުރެ މަތިން 22 ޕޮއިންޓާއެކު ތާވަލު ލީޑު ކުރަމުން އަންނަނީ ލިވަޕޫލެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޒ

    އާނ.... އެންމެ މޮޅީ އިދިކޮޅު ޓީމް އެޓޭކް ފަށާއިރަށް ފައުލް ކުރަން.... އެކަމުން ހަމަ އެއްވަނަ.

    2
    3