ޔުއެފާ ޗެމްޕިއަންސް ލީގުން މެންޗެސްޓާ ސިޓީ ދެ ސީޒަނަށް ބޭން ކޮށްފިއެވެ.

ޔޫރަޕްގެ އެންމެ ބޮޑު އަދި އެންމެ ޝަރަފްވެރި ކްލަބް ފުޓްބޯޅަ މުބާރާތުގައި ވާދަ ނުކުރެވޭ ގޮތަށް ޕްރެމިއާ ލީގުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ސަސްޕެންޑްކޮށްފައިވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ޖަރުމަނުގެ ނޫހަކުން އާންމުކުރި ހަބަރުތަކަކާއި ގުޅިގެންނެވެ. ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓު ކުރިގޮތުން ސިޓީން ވަނީ ޔުއެފާގެ އޮފިޝަލުންތަކަކަށް ރިޝްވަތުދީފައެވެ. އަދި އެކުލަބުން ވަނީ ތަކުރާރުކޮށް ފައިނޭންޝަލް ފެއާޕްލޭއާ ހިލާފުވެފައެވެ.

ސިޓީ ސަސްޕެންޑްކުރި ނަމަވެސް މި ނިންމުން ކޯޓް އޮފް އާބިޓްރަޓޭޝަން އޮފް ސްޕޯޓްސް (ސީއޭއެސް) ގައި އިސްތިއުނާފް ކުރުމުގެ ފުރުސަތު އެޓީމަށް ލިބޭނެ އެވެ. އިސްތިއުނާފް މަރުހަލާއަށް ފަހު ވެސް ޔުއެފާ އިން ސިޓީގެ ސަސްޕެންޝަން ދަމަހައްޓައިފި ނަމަ އަންނަ ސީޒަނާއި 22-2021 ވަނަ ސީޒަނުގެ ނިޔަލަށް އެޓީމަށް ޗެމްޕިއަންސް ލީގުގައި ވާދަ ކުރުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ޔުއެފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ޗެމްޕިއަންސް ލީގުން ސިޓީ ބޭރުކުރަން ނިންމީ ތަހުގީގުތަކުން ލިބުނު ހުރިހާ ހެކިތަކަށް ރިއާޔަތްކުރުމަށްފަހު ސިޓީން ގަވާއިދާ ހިލާފުވި ކަމަށް އެ އިދާރާ އަށް ފެންނާތީ ކަމަށެވެ.

ކުޅުންތެރިން ގަތުމުގައި މަކަރުހެދިކަން ސާބިތުވުމުން 2014 ވަނަ އަހަރު ވެސް ޔުއެފާ އިން ވަނީ ސިޓީ އަށް އަދަބުދީފަ އެވެ. އެފަހަރު އެޓީމަށް ދިން އަދަބަކީ 67.3 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމާއި ޗެމްޕިއަންސް ލީގުގައި ސިޓީން ނެރޭ ސްކޮޑުގައި ހިމެނޭ ކުޅުންތެރިންގެ އަދަދު މަދުކުރުމެވެ.

މި ކަމާއި ގުޅިގެން ސިޓީގެ ރަސްމީ ވެބްސައިޓުގައި މިރޭ އާންމުކުރި ބަޔާނުގައި އެޓީމުން ބުނެފައިވަނީ ޔުއެފާގެ މި ނިންމުމާއި މެދު ހިތާމަ ކުރާ ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރުމުގެ ކުރިންވެސް ސިޓީ ޗެމްޕިއަންސް ލީގުން ސަސްޕެންޑް ކުރަން ޔުއެފާ އިން ނިންމާފައިވާ ކަމަށާއި އެހެންކަމުން މިރޭ އެ އިދާރާއިން އެޓީމާއި މެދު ފިޔަވަޅު އެޅުމުން އެއްވެސް ވަރަކަށް ހައިރާނެއް ނުވާ ކަމަށެވެ. މީގެ އިތުރުން މި މައްސަލައިގައި ވީ އެންމެ އަވަހަކަށް ކޯޓަށް ގޮސް އިސްތިއުނާފަށް ލާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މެންޗެސްޓާ ސިޓީ އަކީ ފާއިތުވެދިޔަ ދެ ސީޒަނުގައިވެސް ޕްރެމިއާ ލީގުގެ ތަށި ކާމިޔާބުކުރި ޓީމެވެ. ސިޓީގެ ތާރީހުގައި އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައި ނުވި ނަމަވެސް މަޝްހޫރު ކޯޗު ޕެޕް ގާޑިއޯލާއާއެކު އެޓީމުން އަންނަނީ ފަހަކަށް އައިސް މި މުބާރާތް ފުރަތަމަ ފަހަރަށް ކާމިޔާބު ކުރުމަށް ޓްރާންސްފާ ބާޒާރުގައި ބޮޑެތި ފީތަކުގައި ކުޅުންތެރިން ގަނެ ޓީމު ވަރުގަދަ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ?ލޮލް?

    ރަނގަޅެއްނު???????? ދެން އަތްޖަހާ. ޕެޕް ގާޑިއޯލާ އަވަހަށް ރާއްޖެ އާދޭ?

    7
    1
  2. ޖައުފަރު

    މިހިރަ ފެންނަނީ އިޔޫރަޕްގެ މުނާފިގުކަން އީޔޫ އަކަށް ނުކެރޭނެ އިޒްރާއެލް އަށް އަދަބެއްދޭކަށް

  3. ސިޓީފޭންސް

    މެސީއަށް އިންޓަރެސްޓް ފާޅުކުރީމަ ބާސެލޯނާގެ ނުފޫޒުން ކުރިކަމެއް ތިއީ. އެއީ މެސީ އެންމެ ބަދަލުވުން ކައިރީ ސިޓީއަށް ވީމަ. ދެން ކުރިޔަށް އޮތް 2 ސީޒަންގަ މެސީ ނުދާނެނު. ބޮޑެތި ޕްލެޔަރުން ޗެމްޕިއަންސް ލީގު ނުކުޅޭ ޓީމަކަށް ވަރަށް ބަދަލުނުވާނެ.

    1
    6