ތާވަލުގެ ތިންވަނައިގައި އޮތް ގެޓާފޭ އަތުން ހޯދި އުނދަގޫ މޮޅާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ތާވަލުގެ އެންމެ ކުރީގައި އޮތް ރެއާލް މެޑްރިޑާއި ޕޮއިންޓުގެ ގޮތުން އެއްވަރު ކޮށްފިއެވެ.

ރޭ އަމިއްލަ ދަނޑުގައި ކުޅެ ގެޓާފޭ އަތުން ބާސާ މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބާސާ ވަނީ އެއްވަނައިގައި އޮތް ރެއާލް އަށް ވުރެ އިތުރަށް އެއް މެޗު ކުޅެގެން 52 ޕޮއިންޓް ހަމަކޮށްފައެވެ. ރެއާލް އަށް އަދިވެސް އެއްވަނަ ލިބެނީ ފައިދާ ލަނޑުގެ ތަފާތުން ކުރި ލިބޭތީއެވެ. މިރޭ ދަންވަރު ލީގުގެ 18 ވަނައިގައި އޮތް ސެލްޓަ ވީގޯއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްގެން އެއްވަނައިގައި އަނެއްކާވެސް ތިން ޕޮއިންޓުގެ ލީޑެއް ނެގުމުގެ ފުރުސަތު ރެެއާލް އަށް އޮންނާނެއެވެ.

ރޭ ކޭމްޕް ނޫގައި ބާސާ އާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ފުރަތަމަ ވިއްސަކަށް މިނެޓު ތެރޭ މޮޅަށް ކުޅުނީ ގެޓާފޭ އިންނެވެ. މި ހާފުގައި އެ ޓީމުން ބާސެލޯނާގެ ގޯލު ފޫއަޅުވާލި ނަމަވެސް ވިއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ލަނޑު ބާތިލްކޮށްފައެވެ. މި ހާފުގައި ބާސެލޯނާ އަށް އިތުރު ނުތަނަވަސްކަމަކާއި ކުރިމަތިވީ 22 ވަނަ މިނެޓުގައި އަނިޔާ ވުމުގެ ސަބަބުން ލެފްޓް ބެކް ޖޯޑީ އަލްބާ ދަނޑުން ބާލަން ޖެހުމުންނެވެ. އަލްބާގެ ބަދަލުގައި ކުޅެން އެރީ ޖޫނިއާ ފިރްޕޯ އެވެ.

ބާސާ އަށް ހިތްހަމަޖެހުމެއް ލިބުނީ ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ކެޕްޓަން ލިއޮނެލް މެސީ ތަނަވަސްކޮށްދިން ހިތްގައިމު ފުރުސަތެއްގައި އެންޓޮއިން ގްރީޒްމަން ގެޓާފޭގެ ގޯލު ތެރެއަށް ބޯޅަ ވައްދާލުމުންނެވެ. ބާސާ އިން ލީޑު ފުޅާކުރީ 39 ވަނަ މިނެޓުގައި ފިރްޕޯގެ އެހީތެރިކަމާއެކު ސާޖީ ރޮބާޓޯ ޖެހި ލަނޑުންނެވެ. ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް ތިންވަނަ ލަނޑެއް ޖެހުމާއި ގާތަށް ބާސާ ޖެހިލި ނަމަވެސް މެސީ ފޮނުވާލި ބޯޅަ ކީޕަރު ޑޭވިޑް ސޯރިއާ ވަނީ މަތަކޮށްފައެވެ.

މެޗުގައި ގެޓާފޭ އިން ޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައި ޖެހީ އެންހެލް ރޮޑްރިގޭޒް އެވެ. އޭގެ ފަހުން މެޗު ނިމެން 18 މިނެޓަށް ވެފައި ވަނިކޮށް މެޗުގެ ނަތީޖާ އެއްވަރު ކުރަން ލިބުނު ރަނުގެ ފުރުސަތެއްގައި އެޓީމުގެ ފޯވަޑް ޖެއިމީ މާޓާ ފޮނުވާލި ބޯޅަ ބާސާގެ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ޓާސްޓެގަންގެ ހުޝިޔާރުކަމުންނެވެ. އަނެއްކޮޅުން މި ހާފުގައި ލީޑު ފުޅާކުރަން ބާސާ އިން އެންމެ ރަނގަޅު ފުރުސަތުތައް ލިބުނީ ގްރީޒްމަން އަށެވެ. އެހެން ނަމަވެސް ފްރާންސް ފޯވަޑް ފޮނުވާލި ހަމަލާތައް ގޯލަކަށް ބަދަލުކޮށްލެވޭ ގޮތެއްނުވި އެވެ.

ބާސާ އަށް ދެން ކުރިއަށް އޮތީ ލީގުގައި އެއިބާއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅެން އޮތް މެޗެވެ. ގެޓާފޭ ނުކުންނާނީ ޔުރޮޕާ ލީގުގައި ހޮލަންޑުގެ އަޔެކްސްއާ ދެކޮޅަށެވެ.