ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބް އިން މުޅި ލާމު އަތޮޅަށް އަމާޒުކޮށްގެން ބާއްވާ ފޮނަދޫ ޔޫތް ފުޓްސަލް ޗެލެންޖްގައި އިއްޔެ ކުޅުނު މެޗުތަކުން ލާމު ޔޫތް ޑިވެލޮޕްމެންޓް (އެލް ވައި ޑީ)، ސިކްސް ސެންސަސް ލާމު، ފްރެގްމެންޓްސް އެފްސީ އަދި ކަންމަތި ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.

ފޮނަދޫ މެދު އަވަށު ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގައި އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ލާމު ޔޫތު ޑިވެލޮޕްމެންޓް ނުކުތީ ހިތަދޫ އެފްސީއާ ދެކޮޅަށެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި މެޗު އެލް ވައި ޑީ އިން ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ އެލް ވައި ޑީގެ ޖާޒީ ނަންބަރު 15 ޝިފާޒް އާދިލް އެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި ހޭޅި އަތުން ސިކްސް ސެންސަސް ލާމު މޮޅުވީ ފަސޭހަކަމާއެކު 9-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިކްސް ސެންސަސް ލާމުގެ ޖާޒީ ނަންބަރު 11 އަހުމަދު ސޮބާހު އެވެ.

އިއްޔެގެ ތިން ވަނަ މެޗުގައި ބައްދަލުކުރީ ފްރެގްމެންޓްސް އެފްސީ އާއި ކްލަބް 2 އެތްލެޓިކްސް އެވެ. މި މެޗު ފްރެގްމެންޓްސް ކާމިޔާބުކުރީ 3-1 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ފްރެގްމެންޓްސްގެ ޖާޒީ ނަންބަރު 8 އަލީ އިރުފާދް އެވެ. އިއްޔެ ކުޅުނު ފަހު މެޗުގައި ކަންމަތި އެސްސީން ވަނީ ރެޑްބުލް އެފްސީގެ މައްޗަށް 4-1 އިން ކުރިހޯދައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ ކަންމަތި ޓީމުގެ ޖާޒީ ނަންބަރު 07 އާދަމް ނާސިހް އެވެ.

ފޮނަދޫ ފުޓްސަލް ޗެލެންޖްގައި މިއަދު ވެސް ހަތަރު މެޗެއް ކުޅޭނެއެވެ. މިއަދު ހަވީރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އައުޓްރީފް އެސްސީ އާއި ލާމު ބްލޫސް އެވެ. މިރޭ ކުޅޭ ފުރަތަމަ މެޗުގައި ލެކްރޮސް ސްޕޯޓްސް ކްލަބުން ނުކުންނާނީ ކަންމަތި އެފްސީއާ ދެކޮޅަށެވެ. މިރޭގެ ދެވަނަ މެޗުގައި ފިލޮސް އެފްސީ އާއި ފޮނަދޫ ޔޫތު އެސޯސިއޭޝަން ވާދަކުރާއިރު ފަހު މެޗުގައި ކުޅޭނީ މާވަށު ފުޓްސަލް ޓީމާއި އައުޓްރީފް އެފްސީ އެވެ.

ޖުމްލަ 16 ޓީމާއެކު ފެށި މި މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާ (50،000 ރުފިޔާ) ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ޗެންޕިއަން ޓީމަށް ދިނުމަށް ހަމަޖެހިފައިވަނީ އެ ވަނަ އަށް ޚާއްސަކޮށް ފަރުމާ ކުރެވިފައިވާ ތައްޓެއް ކަމަށް ފޮނަދޫ މެދުއަވަށު ސްޕޯޓްސް ކްލަބުން މައުލޫމާތުދެވެ. މުބާރާތުގެ ރަނަރަޕް ޓީމަށް ކަނޑައެޅިފައިވާ ފައިސާގެ އިނާމަކީ 15،000 ރުފިޔާގެ އެވެ.