ޒުވާން ފޯވަޑް ޓިމޯ ވާނާ ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން އިންގްލަންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް ބަލިކޮށް ޖަރުމަނުގެ ލީޕްޒިގުން ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުގެ ޖާގަ އަކާއި ކައިރިއަށް ޖެހިލައިފިއެވެ.

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ޓޮޓެންހަމާއި ލީޕްޒިގް ބައްދަލުކުރި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އުމުރުން 23 އަހަރުގެ ފޯވަޑް ވާނާ ޖެހީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ އަކުންނެވެ. މިއީ އޭރިއާ ތެރެއިން މިޑްފީލްޑަރު ކޮންރަޑް ލައިމާ އަށް ޓޮޓެންހަމްގެ ޑިފެންޑަރު ބެން ޑޭވިސް ކުރި ފައުލެއްގެ ސަބަބުން ރެފްރީ ލީޕްޒިގަށް ދިން ޕެނަލްޓީއެކެވެ. ޕެނަލްޓީގައި ގޯލުގެ ތިރީ ކަނަށް ވާނާ ފޮނުވާލި ބޯޅަ ހުއްޓުވުމުގައި ކީޕަރު ހޫގޯ ލޯރިސް އަށް މާބޮޑު މަސަތްކަތެއް ނުކުރެވުނެވެ. ރޭގެ ލަނޑާއެކު ވާނާ މިސީޒަނުގައި ޖެހި ލަނޑުގެ އަދަދު ވަނީ 26 އަށް އަރައިފައެވެ.

ބުންޑެސްލީގާގައި ޗެމްޕިއަން ބަޔާންގެ ފަހަތުން ވިއްދަމުން އަންނަ ލީޕްޒިގް ވަނީ ރޭ ރަށުން ބޭރުގައި ޓޮޓެންހަމާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފައެވެ. މި މެޗު އެޓީމުން ފެށީ ވެސް ވަރުގަދަކޮށެވެ. އެގޮތުން މެޗުގެ ފުރަތަމަ މިނެޓު ތެރޭ އެ ޓީމުން ޓޮޓެންހަމްގެ ގޯލަށް ކައިރި ކައިރީގައި ތިން ހަމަލާއެއް ފޮނުވާލިއެވެ. ފުރަތަމަ ހަމަލާގައި ޕެޓްރިކް ޝިކް ފޮނުވާލި ބޯޅަ ޓޮޓެންހަމްގެ ކުޅުންތެރިއެއް ގައިގަ ޖެހިފަ ބްލޮކްވި އިރު ރީބައުންޑުގައި އެންޖެލީނޯ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ އިރުކޮޅެއް ފަހުން ވާނާ އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ލޯރިސް ވަނީ މަތަކޮށްފައެވެ.

މެޗުގައި ޓޮޓެންހަމުން އުފެއްދި ފުރަތަމަ ހަމަލާ ފެނިގެންދިޔައީ 7 ވަނަ މިނެޓުގައެވެ. އަރިމަތިން ބެން ޑޭވިސް ދިން ބޯޅައިގައި ހޮލަންޑުގެ ޒުވާން ފޯވަޑް ސްޓީވެން ބާގްވިން ފޮނުވާލި ބޯޅަ ކީޕަރު ޕީޓާ ގުލާކްސީ ވަނީ ހުޝިޔާރުކަމާއެކު މަތަަކޮށްފައެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ލީޕްޒިގުން އުފެއްދި ހަމަލާއެއްގައި ޕެޓްރިކް ޝިކް ބޮލުން ފޮނުވާލި ބޯޅައެއް ގޯލު ދަނޑި ކައިރިން ބޭރަށްދިޔައިރު 35 ވަނަ މިނެޓުގައި ވާނާ އަށް ލިބުނު ފުރުސަތުގައި މުޅިން ހުސްކޮށްހުރެ އޭނާ ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ އަނެއްކާވެސް ލޯރިސްއެވެ.

ދެވަނަ ހާފުގައި ޓޮޓެންހަމުން ކުރިއަށް ޖެހިލައިގެން ލީޕްޒިގުގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސަތްކަތް ކުރިއެވެ. އެގޮތުން މި ހާފު ފަށައިގެން ދެވަނަ މިނެޓުގައި ބާގްވިން ނަގައިދިން ހުރަހެއްގައި ލޫކަސް މޫރާ ތިރިތިރިން ޖައްސާލި ބޯޅަ ގޯލަށް ނުވަދެ ސަލާމަތްވީ ގުލާސްކީގެ ހުޝިޔާރުކަމުންނެވެ. އޭގެ ފަހުން މިޑްފީލްޑަރު ލޯ ސެލްޝޯ ފޮނުވާލި ހިލޭ ޖެހުން އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ދެވަނަ ހާފުގައި ލީޑު ފުޅާކުރަން ލީޒްޒިގުން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 61 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް އަށެވެ. ކައުންޓާ ހަމަލާއެއްގައި އޭރިއާ ތެރެއިން މުޅިން ހުސްކޮށް ހުރެ އޭނާ ފޮނުވާލި ބޯޅަ ލޯރިސް ވަނީ މަތަކޮށްފައެވެ.

ޓޮޓެންހަމާއި ލީޕްޒިގް ވާދަކުރާ ދެވަނަ ލެގު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ 11 ވަނަ ދުވަހުއެވެ. ޓޮޓެންހަމަށް ދެން ކުރިއަށް އޮތީ ލީގު މެޗެއްގައި އަންނަ ހޮނިހިރު ދުވަހު ޗެލްސީއާ ދެކޮޅަށް ކުޅެން އޮތް މެޗެވެ. ލީގު މެޗެއްގައި ލީޕްޒިގް ދެން ނުކުންނާނީ ޝާލްކޭއާ ދެކޮޅަށެވެ.