ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖަމެއިން (ޕީއެސްޖީ) އަށް 200 ލަނޑު ޖަހައިދިން ފުރަތަމަ ކުޅުންތެރިއާގެ ޝަރަފް އުރުގުއޭގެ ފޯވަޑް އެޑިންސަން ކަވާނީ އަށް ލިބިއްޖެއެވެ.

އުމުރުން 32 އަހަރުގެ ކަވާނީ ޕީއެސްޖީ ޖާޒީގައި ޖެހި 200 ވަނަ ގޯލު ކާމިޔާބުކުރީ ލީގުގައި ރޭ ބޯޑޯ އަތުން ޕީއެސްޖީ 4-3 އިން މޮޅުވި މެޗުގައެވެ. ކަވާނީ ޕީއެސްޖީއާ ގުޅުނީ 2013 ވަނަ އަހަރު އިޓަލީގެ ނަޕޯލީ އިންނެވެ. 2011 އިން 2013 އާއި ދެމެދު ނަޕޯލީ އަށް ކުޅެދިން 138 މެޗުގައި 104 ގޯލު ކާމިޔާބު ކުރުމަށްފަހު ފްރާންސަށް ބަދަލުވެ އޭނާ 200 ގޯލު ހަމަކުރީ 298 މެޗުންނެވެ.

ޕީއެސްޖީއާ ގުޅުނު ފަހުން އެ ކްލަބާއެކު ކަވާނީ އަށް ލީގު ޗެމްޕިއަންކަން ނުލިބި ދިޔައީ 2016-2017 ވަނަ ސީޒަނުގައި އެކަންޏެވެ. އޭނާ ވަނީ 2016 އަދި 2017 ވަނަ އަހަރު ފްރެންޗް ލީގުގެ ރަން ބޫޓު ހާސިލް ކުރުމުގެ އިތުރުން 2016 ވަނަ އަހަރުގެ ލީގުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދައިފައެވެ.

ކަވާނީގެ ފަހަތުން ޕީއެސްޖީގެ ލަނޑު ލިސްޓުގެ ދެވަނައިގައި އޮތީ 180 މެޗުން 157 ގޯލު ޖަހައިދީފައިވާ ސްވިޑެން ފޯވަޑް ޒްލަޓަން އިބްރަހިމޮވިޗްއެވެ.

ޕީއެސްޖީގެ ދަނޑުގައި ރޭ ބޯޑޯ އާ ދެކޮޅަށް ކުޅުނު މެޗުގެ 18 ވަނަ މިނެޓުގައި ދެކުނު ކޮރެއާގެ ފޯވަޑް ވަން އުއި ޖޯ ޖެހި ގޯލުން ބޯޑޯ ލީޑު ނަގާފައިވަނިކޮށް ޕީއެސްޖީ އަށް އެއްވަރުކޮށްދިން ގޯލު ކަވާނީ ޖެހީ 25 ވަނަ މިނެޓުގައި އެންހެލް ޑި މަރިއާ ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޑި މަރިއާ ތަނަވަސްކޮށްދިން އިތުރު ފުރުސަތެއްގައި ޑިފެންޑަރު މާކުއިނޯސް ޕީއެސްޖީ އަށް ލީޑު ނަގައިިދިން ނަމަވެސް އޭގެ ސިކުންތުކޮޅެއް ފަހުން ޕަބްލޯ ކަސްޓްރޯ ވަނީ ބޯޑޯ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ.

ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި މާކުއިނޯސްގެ އިތުރު ގޯލަކުން ދެވަނަ ފަހަރަށް ޕީއެސްޖީ ލީޑު ނެގިއިރު އޭގެ ހަ މިނެޓު ފަހުން ޒުވާން ފޯވަޑް ކީލިއަން އެމްބާޕެ ވަނީ ގޯލެއް ޖަހައި އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ބޯޑޯ އަށް ފަރަގު ކުޑަކޮށްދިނީ ރުބެން ޕާޑޯއެވެ.

މި މޮޅާއެކު ޕީއެސްޖީ ވަނީ ލީގު ތާވަލުގެ އެއްވަނައިގައި 13 ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ. 26 މެޗުން ލިބުނު 65 ޕޮއިންޓާއެކު އެ ޓީމު އެއްވަނައިގައި އޮތްއިރު ދެވަނައިގައި އޮތީ 52 ޕޮއިންޓާއެކު މާސޭއެވެ. ބޯޑޯ އޮތީ 35 ޕޮއިންޓާއެކު 12 ވަނައިގައެވެ.