އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓްހަމް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗް ކާމިޔާބުކޮށް ޕްރެމިއާ ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވެގެން މެންޗެސްޓާ ސިޓީން 2017 ވަނަ އަހަރުގެ ސީޒަންގައި ހެދި ރެކޯޑާއި ލިވަޕޫލުން އަރާ ހަމަކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ވެސްޓްހަމް އާ ވާދަކޮށް ލިވަޕޫލުން މެޗު ކާމިޔާބު ކުރީ ފަހަތުން އަރައި 2-3 އިންނެވެ. މިއީ މި ސީޒަންގައި ލިވަޕޫލް ޖެހިޖެހިގެން މޮޅުވި 18 ވަނަ މެޗެވެ. މި ސީޒަންގައި ލިވަޕޫލަށް ގެއްލުނުހާ ވެސް ޕޮއިންޓަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު މެންޗެސްޓާ ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވެގެން ގެއްލުނު ދެ ޕޮއިންޓެވެ.

ރޭގެ ނަތީޖާއާއެކު ލީގުގެ އެއް ވަނައިގައި ލިވަޕޫލަށް ވަނީ އަނެއްކާވެސް 22 ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ލީގުގައި މިހާތަނަށް ކުޅުނު 27 މެޗުން އެޓީމަށް 79 ޕޮއިންޓް ލިބިފައިވާއިރު ދެވަނައިގައި އޮތް ސިޓީ އަށް ލިބިފައިވަނީ 57 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 50 ޕޮއިންޓެވެ.

އެންފީލްޑުގައި ރޭ ކުޅުނު މެޗްގައި ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ވެސް ލިވަޕޫލުންނެވެ. މެޗު ފަށައިގެން ނުވަ ވަނަ މިނެޓްގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އަލެގްޒަންޑާ އާނޮލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ޖޯޖީނިއޯ ވަޔަނާލްޑަމްއެވެ. އެކަމަކު އޭގެ ތިން މިނެޓް ފަހުން ވެސްޓްހަމްގެ އިއްސާ ޑިއުޕް ބޮލުން ކާމިޔާބުކުރި ގޯލުން މެޗްގެ ނަތީޖާ ހަމަހަމަވިއެވެ.

ފުރަތަމަ ހާފް ހިލާފަށް ވެސްޓްހަމް އިން ދެވަނަ ހާފު ވަރުގަދަކޮށް ފަށައި މެޗްގެ 54 ވަނަ މިނެޓްގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. މި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޕަބްލޯ ފޯމަލްސްއެވެ. ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ 68 ވަނަ މިނެޓްގައި މިސްރުގެ ވިންގާ މުހައްމަދު ސަލާހުއެވެ. އޭގެ ފަހުން ލިވަޕޫލުން ވަރަށް ބޮޑަށް ކުރިއަށް ޖެހިލައިގެން ކުޅުނުތަން ފެނިގެންދިޔައެވެ. މެޗުން ތިން ޕޮއިންޓް ލިވަޕޫލަށް ކަށަވަރުކޮށްދިން ގޯލު މެޗް ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އާނޮލްޑް އުފެއްދި ހަމަލާއެއްގައި ކާމިޔާބުކޮށްދިނީ ސާދިއޯ މާނޭއެވެ.

ލިވަޕޫލަށް ދެން ކުރިއަށް އޮތީ ލީގުގައި ވެޓްފޯޑާ ދެކޮޅަށް ކުޅެން އޮތް މެޗެވެ.