އިންޓަ މިލާން އަތުން ހޯދި މޮޅާއެކު ޔުވެންޓަސް އިން އިޓާލިއަން ލީގުގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

ސެރިއާ އޭގައި މި ދެޓީމު ރޭ ބައްދަލުކުރި މެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 2-0 އިންނެވެ. ދުނިޔޭގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އާ ހެދި މި މެޗު ކުޅެފައިވަނީ ސަޕޯޓަރުން ނުވައްދައެވެ. އިޓަލީގައި ކޮންޓްރޯލެއް ނެތި ބަލި ފެތުރެމުން އަންނާތީ އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް ބޭއްވޭނީ ސަޕޯޓަރުން ނުވައްދާ ކަމަށް އިޓަލީ ސަރުކާރުން ވަނީ ނިންމައިފައެވެ.

އިންޓަ އާއި ޔުވެންޓަސް ރޭ ޓިއުރިންގެ އެލިއާންޒް ސްޓޭޑިއަމްގައި ބައްދަލުކުރި މެޗުގައި ބޮޑަށް ނުރައްކާތެރިކޮށް ފެނުނީ ހޯމް ޓީމެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ޔުވެންޓަސްގެ މިޑްފީލްޑަރު ބްލެއިސް މަޓުއިޑީ ޖެހި ބޯޅައެއް އިންޓަގެ ކީޕަރު ސާމިރް ހޭންޑަނަވިޗް މަތަކުރިއިރު ނިކޮލޯ ބަރޭލާ އާއި އެންޓޯނިއޯ ކަންޑްރެވާ ޖެހި ބޯޅަތައް ދިޔައީ ހުރަސްދަނޑި މަތިން ބޭރަށެވެ. ފުރަތަމަ ހާފުގައި އިންޓައިން ގޯލެއް ޖެހުމާއި އެންމެ ގާތަށް ޖެހިލީ މާސެލޯ ބްރޮޒޮވިޗް އެވެ. އޭރިޔާ ބޭރުން އޭނާ ޖެހި ބޯޅަ ޔުވެންޓަސްގެ ގޯލަށް ނުވަދެ ސަލާމަތްވީ ކީޕަރު ޝެޒްނީގެ ހުޝިޔާރުކަމުންނެވެ.

މެޗުގައި ފެނިގެންދިޔަ ފުރަތަމަ ގޯލު ދެވަނަ ހާފުގެ 55 ވަނަ މިނެޓުގައި ޖެހީ މިޑްފީލްޑަރު އެއަރޮން ރަމްސީ އެވެ. އޭގެ ފަހުން ޔުވެންޓަސްގެ ދެވަނަ ގޯލު 67 ވަނަ މިނެޓުގައި ރަމްސީގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޕައުލޯ ދިބާލާ އެވެ.

މެޗު ނިމެން ވިހި ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް ނަތީޖާ އަނބުރާލުމަށްޓަކައި އިންޓަގެ ކޯޗު ވަނީ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ކުޅެން އަރުވައިފައެވެ. މި ބަދަލާއެކު އިންޓަގެ ކުޅުން ކޮންމެވެސް ވަރަކަށް ރަނގަޅުވެގެންދިޔަ ނަމަވެސް އެ ޓީމަށް މެޗުގެ ބާކީ ބައިގައި ޔުވެންޓަސްގެ ގޯލު ފޫއަޅުވާލެވޭ ވަރުގެ ފުރުސަތުތަކެއް ތަނަވަސް ކުރެވޭ ގޮތެއްނުވި އެވެ. މެޗު ނިމެން ދިހަ ވަރަކަށް މިނެޓަށް ވެފައި ވަނިކޮށް މަޓުއިޑީ އަށް އިންޓަގެ ބްރޮޒޮވިޗް ކުރި ފައުލަކާއި ހެދި ހިތްހަމަނުޖެހުން ފާޅުކުރުމުގެ ސަބަބުން ރެފްރީ ވަނީ އިންޓަގެ ބެންޗުގައި އިން ޑަނިއެލް ޕަޑެލީ އަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ރޮނާލްޑޯ އިންޓަގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލި ނަމަވެސް އެއިން އެއްވެސް ބޯޅައެއް ގޯލާ އަމާޒުވާ ގޮތެއްނުވި އެވެ. މި މެޗުގެ ކުރިން ލީގުގައި އެންމެ ފަހުން ކުޅުނު 11 މެޗުގައިވެސް ގޯލު ޖަހާފައިވާ ރޮނާލްޑޯ އަށް ރޭ ގޯލެއް ނުޖެހުމުން އޭނާގެ ގޯލު ޖެހުމުގެ ސިލްސިލާ އަށް ވަނީ އެންމެ ފަހުން ނިމުމެއް އައިސްފައެވެ. މިދިޔަ މަހުގެ 23 ވަނަ ދުވަހު ލީގުގައި ސްޕާލް އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ޖެހި ގޯލާއެކު ރޮނާލްޑޯ ވަނީ އިޓާލިއަން ލީގުގައި ޖެހިޖެހިގެން އެންމެ ގިނަ މެޗުގައި ގޯލު ޖަހައިގެން 1995/1994 ގެ ސީޒަނުގައި ގެބްރިއަލް ބަޓިސްޓޫޓާ އަދި 2019 ގައި ފަބިއޯ ކުއަގްލިއަރެއްލާ ހެދި ރެކޯޑާ އެއްވަރުކޮށްފައެވެ. ރޭގެ މެޗުގައި އިންޓަ ކޮޅަށް ގޯލެއް ޖެހުނުނަމަ ރޮނާލްޑޯ އަށް މި ރެކޯޑް އަމިއްލަ ކުރެވުނީހެވެ.

ރޭގެ މޮޅާއެކު ޔުވެންޓަސް އަލުން ލީގުގެ އެއްވަނަ އަށް ޖެހިލީ 26 މެޗުން ހޯދި 63 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތީ 62 ޕޮއިންޓާއެކު ލާޒިޔޯ އެވެ. އިންޓަ ތިންވަނައިގައި އޮތީ 54 ޕޮއިންޓާއެކު އެވެ.