ރެއާލް މެޑްރިޑްގެ ގޯލްކީޕަރު ތިބާއުޓް ކޯޓުއާގެ ފަޔަށް އަނިޔާވެ އޭނާ އަށް ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ދެ ވަނަ ލެގުގައި މި މަހުގެ 18 ވަނަ ދުވަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުޅެވޭނެ ކަން ޔަގީންވެއްޖެއެވެ.

ބެލްޖިއަމްގެ ކީޕަރު ކޯޓުއާގެ ވައާތު ކުޑަކަޅުވާ އަށް އަނިޔާވީ ލީގުގައި ރެއާލް އެންމެ ފަހުން ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި ކަމަށް ރިޕޯޓުތައް ބުނެއެވެ. ބެޓިސްގެ ދަނޑުގައި ކުޅުނު އެ މެޗުގެ 90 މިނެޓު ކޯޓުއާ ފުރިހަމަކުރި ނަމަވެސް މެޗުގެ ފަހުކޮޅުގައި 27 އަހަރުގެ ކީޕަރުގެ ހަރަކާތްތައް ހުރިގޮތުން އޭނާ އަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެފައިވާކަން ހާމަވިއެވެ.

ރެއާލްގެ ރަސްމީ ވެބްސައިޓުގައި ބުނެފައިވަނީ މިއަދު ހެދި ޓެސްޓު ތަކުން ދައްކާ ގޮތުން ކޯޓުއާ އަށް އަނިޔާވެފައިވާކަން ޔަގީންވެއްޖެ ކަމަށާއި މުޅިން ފިޓްވެގެން ދަނޑުމައްޗަށް އެނބުރި އަންނަން ދުވަސްކޮޅެއް ނަގާނެ ކަމަށެވެ. އެހެންކަމުން ލީގުގައި އަންނަ ހުކުރު ދުވަހު އެއިބާއާ ދެކޮޅަށް ކުޅޭ މެޗު ވެސް ކޯޓުއާ އަށް ގެއްލޭނެއެވެ.

ކޯޓުއާ ވަނީ ރެއާލްއާ ސިޓީ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު ފުރަތަމަ ލެގު މެޗުގައި މުހިއްމު ބޯޅަތަކެއް މަތަ ކޮށްފައެވެ. އޭނާގެ ބަދަލުގައި ކުރިއަށް ހުރި މެޗުތަކުގައި ރެއާލްގެ ގޯލު ބަލަހައްޓާނީ ދެވަނަ ކީޕަރު އަލްފޮންސޯ އަރިއޮލާ އެވެ. ފްރާންސްގެ ޕީއެސްޖީން ގެނައި ކީޕަރު މިސީޒަނުގައި ރެއާލަށް ކުޅެފައިވަނީ އެންމެ އަށް މެޗެވެ.

ކޯޓުއާގެ އިތުރުން ފުރަތަމަ ލެގުގައި ހޯދި ރަތް ކާޑާއެކު ސަސްޕެންޑްވެފައިވާ ކެޕްޓަން ސާޖިއޯ ރާމޮސް އަށް ވެސް އެތިހާދުގައި ސިޓީއާ ދެކޮޅަށް ނުކުޅެވޭނެއެވެ. އަދި ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވެގެން ބަދަލުކުރި ލެފްޓް ބެކް މާސެލޯ ވެސް ހުރީ މިވަގުތު ކުޅުމާ ދުރުގައެވެ.

ރެއާލް އާއި ސިޓީ ބާނެބެއުގައި ވާދަކުރި މެޗު 2-1 އިން ކާމިޔާބުކުރީ ސިޓީ އެވެ. އިސްކޯގެ ގޯލުން ރެއާލުން ލީޑު ނަގާފައިވަނިކޮށް ސިޓީން ނަތީޖާ އަނބުރާލީ ގެބްރިއެލް ހެސުސް އާއި ކެވިން ޑެބްރައިން ޖެހި ގޯލުންނެވެ. މިއީ ސިޓީން ރެއާލް ބަލިކުރި ފުރަތަމަ ފަހަރެވެ.

ފުރަތަމަ ލެގުން ބަލިވެ ރަށުން ބޭރުގައި ނަތީޖާ އަނބުރާލަން ޖެހޭއިރު ކޯޓުއާ އާއި ރާމޮސް ނެތުމަކީ ރެއާލަށް ލިބޭނެ އުނި ކަމަކަށް ވާނެ އެވެ. ބާނެބެއުގައި ޖެހި ދެ އަވޭ ގޯލާއެކު މި ދެޓީމުންކުރެ ކުއާޓާ އަށް ކޮލިފައިވުމުގެ ފުރުސަތު ބޮޑީ ވެސް ސިޓީ އަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ކީޕަރު

  Get well soon man

  1
  1
 2. ހުވާ

  ތިއީ މެޗް ނުކުޅެން ދައްކާ ބަހަނާ އެއް...

  ކަޓައިފާނެތީ ރެކެން ޖެއްސި ގޭމެއް

  1
  2
  • ސަލާހް

   އެހެންވާނު.. އެއި ސިޓީގަ އުޅޭ ފޭކް މީހުން އުޅޭހެން އުޅޭ މީހެއްނޫނޭ?. އަވަސް ޝިފާއަކަށް އެދެން ކޯޓުއާ❤️???