ސްޓްރޯކެއް ޖެހިގެން މި މަހުގެ ކުރީކޮޅު އެޑްމިޓް ކުރި މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ މަންމަ މާރިއާ ޑޮލޮރެސް އަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލައިފިއެވެ.

ރޮނާލްޑޯގެ މަންމަ މާރިއާ ޑޮލޮރެސް ޕޯޗުގަލްގެ މެޑެއިރާގައި ހުންނަ ނީލިއޯ މެންޑޮންކާ ހޮސްޕިޓަލުގައި އެޑްމިޓް ކުރީ މާޗް މަހުގެ ތިންވަނަ ދުވަހު އެވެ. ސްޓްރޯކެއް ޖެހިގެން އެމަޖެންސީގައި މާރިއާ ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް ހާލު ރަނގަޅުވެ އެ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އޭނަ ދޫކޮށްލި ކަމަށް ޕޯޗުގަލްގެ ނޫސްތަކުން ރިޕޯޓްކުރި އެވެ. އެހެންނަމަވެސް ފަހުން އަނެއްކާވެސް ޙާލު އިތުރަށް ގޯސްވެ ފަރުވާ ހޯދުމަށްޓަކަައި މާރިއާ އަލުން ހޮސްޕިޓަލަށް ގެންދެވުނެވެ.

އިންގްލަންޑުގެ ނޫސްތަކުގައިވާ ގޮތުން މާރިއާ މިހާރު ވަނީ ފަރުވާ އަށް ފަހު ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. މިކަމާ ގުޅޭ ގޮތުން 65 އަހަރުގެ މާރިއާ އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ބުނީ އޭނަގެ ހާލު މިހާރު ރަނގަޅު ކަމަށާއި މިދިޔަ ދުވަސްތަކުގައި އެންމެންގެ ފަރާތުން ލިބުނު އެހީތެރިކަމާއި ލޯތްބަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާ ކުރާ ކަމަށެވެ.

މާރިއާ އަށް ވަނީ އުރަމަތީ ކެންސަރު ޖެހިގެން ވެސް ފަރުވާދީފައެވެ. 2007 ވަނަ އަހަރުން ފެށިގެން އުރަމަތީ ކެންސަރާ ހަނގުރާމަ ކުރަމުން އައި މާރިއާ އެ ބަލިން މުޅިން ރިކަވާ ވީ މިދިޔަ އަހަރުގައެވެ.

މަންމަގެ ސިއްޙީ ޙާލަތު ގޯސްވުމުގެ ސަބަބުން ރޮނާލްޑޯ ވަނީ މާޗް މަހުގެ ހަތަރު ވަނަ ދުވަހު މެޑެރިއާ އަށް އައިސްފައެވެ. ދުނިޔެ އަށް ކުރިމަތިވެފައިވާ ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމާއި ހެދި އިޓަލީ ލޮކްޑައުން ކުރީ އޭނާ ޕޯޗުގަލްގައި ހުއްޓައެވެ. ލޮކްޑައުންއާއެކު އިޓަލީ އަށް އެއްވެސް މީހަކު އެތެރެވުމާއި ބޭރުވުން މަނާވުމުގެ ސަބަބުން ރޮނާލްޑޯ މިވަގުތު ހުރީ އަމިއްލަ އަށް އެކަހެރިވެގެން އާއިލާ އާއެކު މެޑެއިރާގެ ވަކި ރަށެއްގައެވެ. ޔުވެންޓަސްގެ ތަރި ވަނީ ކޮވިޑް-19 ވައިރަހަށް ޓެސްޓު ވެސް ކޮށްފައެވެ. ޓެސްޓުގެ ދެ ރިޕޯޓު ވެސް ދައްކާ ގޮތުން ރޮނާލްޑޯ ވައިރަހަށް ފައްސި އެއް ނުވެއެވެ.