ހަމޭސް ރޮޑްރިގޭޒް ރެއާލް މެޑްރިޑުން ދިޔައީ އަމިއްލަ އަށް ބޭނުންވެގެން ކަމަށް އެ ކްލަބުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.

ރެއާލްގެ ފުރަތަމަ އެގާރައިން އެކަށީގެންވާ ވަރަށް ޖާގަ ނުލިބޭތީ ރޮޑްރިގޭޒް ވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފާގައި ދެ އަހަރު ދުވަހުގެ ލޯނެއްގެ ދަށުން ޖަރުމަނުގެ ބަޔާން މިއުނިކަށް ބަދަލުވެފައެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމުން 42 މިލިއަން ޔޫރޯއަށް ރޮޑްރިގޭޒް ގަތުމުގެ ފުރުސަތު ބަޔާން އަށް އޮންނާނެއެވެ.

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލްގެ ފުރަތަމަ ލެގުގައި މިރޭ ބަޔާންއާ ދެކޮޅަށް ރެއާލް އިން ނިކުންނައިރު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވަނީ ރޮޑްރިގޭޒް އަށެވެ. އެގޮތުން މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރޮޑްރިގޭޒްއާ ގުޅޭ ގިނަ ސުވާލުތަކެއް ރެއާލްގެ ކޯޗު ޒިދާން އަށް ވަނީ ކުރިމަތިކޮށްފައެވެ.

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެމުން ޒިދާން ބުނީ ރޮޑްރިގޭޒް ރެއާލް އިން ފޮނުވާލުމަކީ އޭނާ އެއްގޮތަކަށް ވެސް ބޭނުންވި ކަމެއް ނޫން ކަމަށާއި ރޮޑްރިގޭޒް ރެއާލް އިން ދިޔައީ އަމިއްލަ އަށް ބޭނުންވެގެން ކަމަށެވެ.

"އަހަރެންނަށް ވެސް އިނގޭ ރޮޑްރިގޭޒް ބޭނުންވިކަން ގިނަ މެޗުތަކެއްގައި ކުޅެން. އެކަމަކު އަހަންނާ ރޮޑްރިގޭޒްއާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައެއް ނުވޭ. ކޮންމެ އަހަރަކު ވެސް އެކަން އޮންނަ ގޮތް މީ. މިއަހަރު ވެސް ރެއާލްގެ ބެންޗުގަ އެބަތިބި މުހިއްމު ކުޅުންތެރިންތަކެއް" ޒިދާން ބުންޏެވެ.

ޒިދާން ބުނީ މިރޭގެ މެޗުގައި ރޮޑްރިގޭޒް އޭނާއަށް ސާބިތުކޮށްދޭންޖެހޭ އެއްވެސް ކަމެއް ނޯންނާނެ ކަމަށާއި ރޮޑްރިގޭޒް އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

"އަހަންނަށް ރޮޑްރިގޭޒް ކަމުނުދާ ކަމަށް ބައެއް ފަރާތްތަކުން ހީކުރާނަމަ އެއީ ކުށްހީއެއް. މިރޭގެ މެޗުގައި ރޮޑްރިގޭޒް އަހަންނަށް ސާބިތުކޮށްދޭންޖެހޭ އެއްވެސް އެއްޗެއް ނެތް. އަހަންނަކީ ރޮޑްރިގޭޒްއާ ދެކޮޅު މީހެއް ނޫން. ރޮޑްރިގޭޒް އަކީ މޮޅު ކުޅުންތެރިއެއް" ޒިދާން ބުންޏެވެ.

ބަޔާން އަށް ބަދަލުވުމަށްފަހު މި ސީޒަނުގައި މޮޅު ކުޅުމެއް ރޮޑްރިގޭޒް އަންނަނީ ދައްކަމުންނެވެ. އެގޮތުން ބަޔާން އަށް މި ސީޒަނުގައި 34 މެޗު ކުޅެދީ ހަ ގޯލު ކާމިޔާބުކޮށް 12 އެސިސްޓް އޭނާ ވަނީ ހަދާފައެވެ.

ރެއާލް އާއި ބަޔާން މިރޭ ބައްދަލުކުރާއިރު މި ދެ ޓީމު މި މުބާރާތުގެ ސެމީގައި އެންމެފަހުން ބައްދަލުކޮށްފައިވަނީ 2014 ވަނަ އަހަރުއެވެ. އެފަހަރު ދެ ލެގުން ވެސް މޮޅުވީ ރެއާލްއެވެ. މީގެއިތުރުން ރެއާލް އާއި ބަޔާން ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ކުއާޓާފައިނަލްގައި ވެސް ބައްދަލުކޮށްފައެވެ. އެފަހަރު ވެސް ލެގުން ވެސް މޮޅުވީ ރެއާލްކަން ފާހަގަކޮށްލެވެއެވެ.

ބަޔާންގެ ދަނޑުގައި ކުޅޭ މި މެޗު ފަށާނީ މިރޭ ރާއްޖެގަޑިން 11:45 ގައެވެ.