ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 ރޯގާގެ ސަބަބުން ފުޓްބޯޅަ ހަރަކާތްތައް ހުއްޓި، ދިމާވެދާނެ މާލީ ހީނަރުކަމުން އަރައިގަންނަން ކްލަބަށް އެހީވުމުގެ ގޮތުން މުސާރަ އިން 70 ޕަސަންޓު އުނި ކުރަން އެތްލެޓިކޯ މެޑްރިޑްގެ ކުޅުންތެރިންނާއި ހެޑް ކޯޗު ޑިއޭގޯ ސިމިއޯނީ އެއްބަސްވެއްޖެއެވެ.

މިކަން ހާމަކޮށް އެތްލެޓިކޯ އިން ނެރުނު ބަޔާނުގައިވާ ގޮތުން އެ ކްލަބުގެ އޭ ޓީމާއި ބީ ޓީމުގެ އިތުރުން ވިމެންސް ޓީމުގެ ކުޅުންތެރިންނާއި ސީނިއާ ކޯޗު ސިމިއޯނީގެ މުސާރަ އިން 70 އިންސައްތަ އުނިކުރަން ދެ ފަރާތުން ވެސް އެއްބަސްވެފައިވާ ކަމަށެވެ. އަދި މީގެ އިތުރުން ކްލަބުގައި މަސަތްކަތް ކުރާ އެހެނިހެން ސްޓާފުންގެ މުސާރަ ބަރާބަރަށް ދިނުމުގެ ގޮތުން ކްލަބުގެ ކުޅުންތެރިން ފަރާތުން ފައިސާގެ އިތުރު އެހީތެރިކަން ކްލަބަށް ފޯރުކޮށް ދިނުމަށް ވެސް އެއްބަސްވެފައިވާ ކަމަށެވެ.

އެތްލެޓިކޯ އިން ބުނީ ކުޅުންތެރިންގެ ޖުމްލަ މުސާރަ އިން ބޮޑު ބައެއް އުނިކުރަން ނިންމީ ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ކްލަބަށް ދިމާވެދާނެ މާލީ ގެއްލުންތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން ކަމަށެވެ. އަދި މި ދަނޑިވަޅުގައި ކުޅުންތެރިންނާއި ކޯޗިންގް ސްޓާފުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާ ކުރާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ އަކީ މުޅި ދުނިޔެއިން ވެސް އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗެވެ. އެ ކްލަބުން އޭނާ އަށް ހަފުތާއެއްގެ މައްޗަށް 700،000 ޕައުންޑް މުސާރައިގެ ގޮތުގައިދެ އެވެ.

އެތްލެޓިކޯ މެޑްރިޑުން ކުޅުންތެރިންގެ މުސާރަ ކުޑަކުރަން ނިންމާފައިމިވަނީ ސްޕެއިންގެ ގަދަ ބާރު ބާސެލޯނާ އިން ވެސް އެ ކްލަބުގެ ކުޅުންތެރިންގެ މުސާރަ އިން 70 އިންސައްތަ އުނިކުރަން ނިންމާފައި ވަނިކޮށެވެ.

ބާސާ އާއި އެތްލެޓިކޯގެ ކުޅުންތެރިންގެ މުސާރައިން ބޮޑު ބައެއް އުނިކުރަން ނިންމިއިރު، ސްޕެއިން އަކީ މިވަގުތު ޔޫރަޕްގައި ކޮރޯނާވައިރަހުގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމެވެ. އިއްޔެގެ ނިޔަލަށް ސްޕެއިންގައި މި ވައިރަސް ޖެހުނު މީހުންގެ އަދަދު 85،000 އަށް ވުރެ މައްޗަށް އަރާފައިވާ އިރު އޭގެ ތެރެއިން 10000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ކްލަބްތަކަށް ދިމާވަމުން އަންނަ މާލީ ދަތިތަކުން އަރައިގަތުމަށް ޔޫރަޕްގެ އެހެން ބޮޑެތި ކްލަބްތަކުގެ ކުޅުންތެރިން ވެސް އަންނަނީ މުސާރަ އުނި ކުރުމާ މެދު އެއްބަސްވަމުންނެވެ. ޔޫރަޕުން ވައިރަސް އެންމެ ބޮޑަށް ފެތުރެމުން އަންނަ އިޓަލީވިލާތުގެ ޗެމްޕިއަން ޔުވެންޓަސްގެ ކުޅުންތެރިން ވަނީ މިއަހަރުގެ މާޗް މަހުން ފެށިގެން ޖޫން މަހާއި ހަމައަށް އެއްވެސް ވަރެެއްގެ މުސާރަ އެއް ނުނަގަން އެއްބަސްވެފައެވެ. މީގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑުން ވެސް ވަނީ ކުޅުންތެރިންގެ މުސާރަ އިން 20 އިންސައްތަ ކުޑަކޮށްފައެވެ.