އަންނަ އޮގަސްޓް މަހުގެ 3 ގެ ކުރިން މިސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ނުކުޅެވިއްޖެނަމަ މި އަހަރުގެ މުބާރާތް ކެންސަލް ކުރަން ޖެހިދާނެކަމަށް ޔުއެފާ އިން ބުނެފިއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާވައިރަހުގެ ސަބަބުން ޔުއެފާ އިން ވަނީ ޔޫރަޕްގެ އެންމެ ޝަރަފްވެރި ދެ ކްލަބް ފުޓްބޯޅަ މުބާރާތް ކަމަށްވާ، ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު މުއްދަތެއް ނެތްގޮތަށް ފަސްކޮށްފަ އެވެ. ޔޫރަޕްގައި ކޮރޯނާ ވައިރަސް ފެތުރުން އިތުރުވެ މި ދެ މުބާރާތުގެ ކުޅުން މެދުކަނޑާލާފައިވަނީ ގަދަ ސޯޅައިގެ ފުރަތަމަ ލެގު މެޗުތަކާ ހިސާބުންނެވެ.

މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ފުޓްބޯޅަ ހަރަކާތްތައް އަލުން ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް ކަނޑަނޭޅިއެވެ.

ޔުއެފާގެ ރައީސް އަލެކްސަންޑާ ކެފެރިން ވިދާޅުވީ ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތައް އެންމެ ލަސްވެގެންވެސް އޮގަސްޓް 3 ގެ ކުރިން ނިންމަން ޖެހޭނެ ކަމަށާއި އެ ތާރީހަށް ނުނިމިއްޖެނަމަ މުބާރާތްތައް އިތުރަށް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. ކެފެރިން ވިދާޅުވީ އަންނަ ސީޒަން ފެށުމުގެ ކުރިން މިސީޒަންގެ ޗެމްޕިއަންސް ލީގާއި ޔުރޮޕާ ލީގު ފުރިހަމަ ކުރުމަށްޓަކައި މި ދެ މުބާރާތުގެ ފޯމެޓަށް ބަދަލު ގެނެސް ދެ ލެގުގެ ބަދަލުގައި ނިއުޓްރަލް ދަނޑެެއްގައި އެއް ލެގު ކުޅެގެން މުބާރާތް އަވަހަށް ނިންމާލުމަކީ ވެސް އޮޕްޝަނެއް ކަމަށެވެ.

“ ހާލަތު ރަނގަޅުވި އަވަހަކަށް އަހަރެމެން ފަށަންވީ. މިހާރު މި ކުޅޭ ސިސްޓަމަށްވެސް ކުޅެންވީ. ނޫނީ ނިއުޓްރަލް ދަނޑެެއްގަ ނޮކްއައުޓް އެއް ލެގު ކުޅޭ ގޮތަށް ފޯމެޓަށް ބަދަލު ގެންނަންވީ. އެކަމަކު އެންމެ ލަސްވެގެންވެސް އޮގަސްޓް 3 ގެ ނިޔަލަށް މުބާރާތްތައް ނިމެންވާނެ. އެއީ އެންމެ ފަހު ތާރީހަކީ. އެ ތާރީހަށް ފައިނަލް މެޗުތައް ނުކުޅެވިއްޖެނަމަ މި ސީޒަނުގެ މުބާރާތް ޖެހޭނީ ކެންސަލް ކޮށްލަން، “ ކެފެރިން ވިދާޅުވިއެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ވައިރަސް މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފަ އެވެ.