ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ޖެހިގެން މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ މަންމަ ޑޮލޯސް ސަލާ ކަރިއޯ މަރުވެއްޖެ އެވެ.

ގާޑިއޯލާގެ 82 އަހަރުގެ މަންމަ މަރުވިކަން ހާމަކުރީ މެންޗެސްޓާ ސިޓީން އިންނެވެ. ސިޓީން އާއްމުކުރި ޓްވީޓްތަކެއްގައި ބުނީ ގާޑިއޯލާގެ މަންމަ މަރުވުމުން އެކަމުގެ ތައުޒިއާ އާއިލާ އަށް ރައްދުކުރާކަމަށާއި ޓީމުގެ އެންމެން ގާޑިއޯލާގެ ހިތާމައިގައި ބައިވެރިވާ ކަމަށެވެ.

ޑޮލޯސް ސަލާ ކަރިއޯ މަރުވީ ބާސެލޯނާގައި ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ގާޑިއޯލާގެ ބައްޕަ ވެލެންޓީއާ އެކު ޑޮލޯސް ސްޕެއިންގައި ދިރިއުޅުނީ ބާސެލޯނާ ނިސްބަތްވާ ކެޓަލޫނިޔާގެ މަންރެސާ ސަރަހައްދުގަ އެވެ.

ގާޑިއޯލާގެ މަންމަ ސަލާ ކަރިއޯ މަރުވުމާ ގުޅިގެން ސިޓީ އަދި ބާސެލޯނާގެ އިތުރުން ބަޔާން މިއުނިކްގެ ކުޅުންތެރިން އަންނަނީ ތައުޒިޔާގެ މެސެޖުތައް ކަޓަލޫނިޔާ އަށް އުފަން ކޯޗަށް ރައްދު ކުރަމުންނެވެ.

ކޮވިޑް-19 ގެ ސަބަބުން އިނގިރޭސި ޕްރިމިއާ ލީގު މެދުކަނޑާލުމުން ގާޑިއޯލާ ވަނީ އެނބުރި ސްޕެއިން އަށް ގޮސްފަ އެވެ. މި ވައިރަހުން ރައްކާތެރިވުމަށް ކުރާ މަސައްކަތުގައި ގާޑިއޯލާ ވަނީ އެއް މިލިއަން ޔޫރޯގެ އެހީއެއް އޭނާ ނިސްބަތްވާ ކަޓަލޫނިޔާ އަށް ވެދީފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ގާޑިއޯލާ އެއް މިލިއަން ޔޫރޯ ހަދިޔާކޮށްފައިވަނީ މެޑިކަލް ކޮލެޖު އޮފް ބާސެލޯނާ އާއި އެންޖެލް ސޮލާ ޑެނިއެލް ފައުންޑޭޝަނުން ގުޅިގެން ބާސެލޯނާގައި ކުރިއަށްގެންދާ ކެމްޕެއިނަކަށެވެ.

ސްޕެއިން އަކީ ޔޫރަޕުން ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑުވެފައިވާ އެއް ގައުމެވެ. އެގައުމުން މި ބަލި ޖެހިފައިވާ މީހުންގެ އަދަދު 135 ހާހަށް ވުރެ މައްޗަށް އަރާފައިވާއިރު މަރުވި މީހުންގެ އަދަދު 13 ހާހަށް ވަނީ އަރައިފަ އެވެ.

މުޅި ދުނިޔެ އަށް ފެތުރިފައިވާ ބަލިމަޑުކަމަކަށް ބަދަލުވެފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން ކަނޑައަޅާފައިވާ ކޮވިޑް-19 ވައިރަސް މިހާތަނަށް ދުނިޔޭގެ ގިނަ ގައުމުތަކަކުން ވަނީ ފެނިފަ އެވެ.