ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ބްރެޒިލްގެ ތަރި ފިލީޕެ ކުޓީނިއޯ ކުޑަހުޅުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.

ބަޔާނުން ނެރުނު ބަޔާނެއްގައި ބުނީ 28 އަހަރުގެ މިޑްފީލްޑަރު އޭނާގެ ކަނާތު ފައިގެ ކުޑަހުޅުގެ އޮޕަރޭޝަނެއް ކާމިޔާބުކަމާއެކީ ކޮށްފައިވާ ކަމަށެވެ. އަދި މިއާއެކު މަދުވެގެން ދެ ހަފުތާ ވަންދެން ކުޓީނިއޯ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ކަމަށާއި އޭނާގެ ރިކަވަރީ ޕްރޮގްރާމް ފަށާނީ ވެސް 14 ދުވަހުގެ ފަހުން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ކޮރޯނާ ވައިރަހުގެ ސަބަބުން ޖަރުމަން ލީގު މެދުކަނޑާލާފައިވާތީ ކުޓީނިއޯ އަށް އެއްވެސް މެޗެއް ގެއްލޭނެ ކަމަށް ނުބެލެވެއެވެ. ނަމަވެސް ކޮވިޑް-19 ޖަރުމަނުގައި ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި ވާތީ އެގައުމުގެ ފުޓްބޯޅަ އިދާރާ އިން އަންނަނީ އަވަސް މުސްތަގްބަލެއްގައި ލީގު ފެށުމަށް މަސަތްކަތް ކުރަމުންނެވެ.

އުމުރުން 27 އަހަރުގެ ކުޓީނިއޯ ބަޔާނަށް ކުޅެމުން އަންނަނީ ސްޕެއިންގެ ބާސެލޯނާއާ ބަޔާނާ ދެމެދު ވެވުނު ލޯން އެއްބަސްވުމެއްގެ ދަށުންނެވެ. ދާއިމީ ކޮންޓްރެކްޓެއްގެ ދަށުން ކުޓީނިއޯ މަޑުކުރުވަން ބަޔާނުން ބޭނުން ނަމަ ބާސެލޯނާ އަށް 120 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީ އެއް އެ ކްލަބުން ދައްކަން ޖެހެއެވެ.

މި ސީޒަނުގައި ބަޔާނަށް ކުޅެދިން 22 މެޗުގައި އަށް ގޯލު ޖަހައި ދިން ކުޓީނިއޯ އަށް ފަހަކަށް އައިސް ބަޔާން ކުޅޭ މެޗުތަކުގައި، އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެ އެވެ. ކުޓީނިއޯ އަށް އެދެވޭ ކުޅުމެއް ނުދެއްކޭތީ މި ސީޒަނަށްފަހު އޭނާގެ އެއްބަސްވުން ދާއިމީ ނުކުރަން ބަޔާނުން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަނެއްކޮޅުން އެނބުރި ބާސެލޯނާ އަށް ގޮސް ބްރެޒިލް މިޑްފީލްޑަރަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ދުރު ކަމަކަށްވާ އިރު އަންނަ ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ރަނގަޅު ހުށަހެޅުމެއް ލިބިއްޖެ ނަމަ ބާސާ އިން އޭނާ ވިއްކާލާނެ ކަމަށް ބެލެވެއެވެ.

އިނގިރޭސިވިލާތުގެ ނޫސްތަކުގައިވާ ގޮތުން ކުޓީނިއޯގެ ސޮއި ހޯދުމާއި އެންމެ ގާތުގައި މިވަގުތު އޮތީ މެންޗެސްޓާ ޔުނައިޓެޑެވެ. ނަމަވެސް ޔުނައިޓެޑުގެ އިތުރުން ޗެލްސީގެ ލޯ ވެސް މިހާރު ކުޓީނިއޯ އަށް އަމާޒުވެފައިވާއިރު އެޓީމުން އަންނަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބްރެޒިލްގެ ކުޅުންތެރިޔާ ހޯދުމަށް ބާސެލޯނާއާ މަޝްވަރާ ކުރަމުންނެވެ. ޗެލްސީ އިން ކުޓީނިއޯގެ ސޮއި ހޯދަން ބޭނުންވަނީ އަންނަ ސީޒަން ނިމުމުން ބޭނުންވެއްޖެ ހާލަތެއްގައި އެއްބަސްވުން ދާއިމީ ކުރުމުގެ އޮޕްޝަން ހިމެނޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބާސެލޯނާ އިން ކުޓީނިއޯ ގަތީ މީގެ ދެ އަހަރު ކުރިން ލިވަޕޫލަށް 160 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހުއެވެ. އެކަމަކު ބާސެލޯނާގައި ކުޓީނިއޯ އަށް އެކަށީގެންވާ ކުޅުމެއް ނުދެއްކޭތީ އެ ޓީމުން އޭނާ ދޫކޮށްލީއެވެ.