އިނގިރޭސި ވިލާތުގެ ޗެލްސީ އަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވަޑް އޮލީވިއާ ޖިރޫގެ ކޮންޓްރެކްޓް އާ ކުރަން އެ ކްލަބުން ނިންމައިފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޖިރޫގެ ކޮންޓްރެކްޓް އިތުރު އެއް އަހަރު ދުވަހުގެ މުއްދަތަކަށް އިތުރު ކުރުމަށް ދެ ފަރާތުން ވެސް ވަނީ އެއްބަސްވެފައެވެ. އަދި ވަރަށް ކައިރި މުސްތަގްބަލެއްގައި އާ އެއްބަސްވުމުގައި ޖިރޫ ސޮއިކުރާނެ ކަމަށް އިނގިރޭސި ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

މި ސީޒަނުގައި ޗެލްސީ އަށް ނުވަ މެޗު ކުޅެދީފައިވާ ޖިރޫ އެ ކްލަބާއެކު މިހާރު ހަދާފައިވާ އެއްބަސްވުން އަންނަ ޖޫން މަހުގެ 30 ގެ ނިޔަލަށް ހަމަވާނެއެވެ. ޗެލްސީން އޭނާގެ ކޮންޓްރެކްޓް އާ ކުރަން ނިންމީ ވެސް މި ސަބަބާ ހެދި ކަމަށް ބެލެވެއެވެ. އާ ކޮންޓްރެކްޓެއް ޖިރޫ އަށް ދިނުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން އަންނަ ޖޫން މަހު އޭނާ ދޫކޮށްލުމުގެ ބަދަލުގައި އަންނަ އަހަރު ކޮންމެވެސް އަގަކަށް އޭނާ ވިއްކާލުމުގެ ފުރުސަތު ޗެލްސީ އަށް އޮންނާނެއެވެ.

ޗެލްސީއާއެކު ހަދާފައިވާ އެއްބަސްވުން އާ ކުރަން ޖިރޫ ނިންމިއިރު، މިދިޔަ ޖެނުއަރީ ޓްރާންސްފާ ބާޒާރުގައި ޗެލްސީން ވަނީ އޭނާ ވިއްކާލަން މަސަތްކަތް ކޮށްފައެވެ. އިޓަލީގެ އިންޓަ މިލާނާއި ލާޒިޔޯ އިން ފްރާންސް ކުޅުންތެރިޔާގެ ސޮއި ހޯދަން މަސަތްކަތް ކުރި ނަމަވެސް އެކަން ކާމިޔާބު ނުވީ ބާޒާރު ނިމުނުއިރު ވެސް ޖިރޫގެ ބަދަލުގައި ކުޅުންތެރިއަކު ޗެލްސީ އަށް ނުލިބުމުންނެވެ.

އާސެނަލް ދޫކޮށް އުމުރުން 33 އަހަރުގެ ޖިރޫ ޗެލްސީ އަށް ބަދަލުވީ މީގެ ދެ އަހަރު ކުރިންނެވެ. އާސެނަލްގައި ހަ އަހަރު ހޭދަކުރި ޖިރޫ ވަނީ އެ ކްލަބަށް 253 މެޗުގައި 105 ގޯލު ޖަހައި އެފްއޭ ކަޕް ތިން ފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބުކޮށްފައެވެ. ޗެލްސީއަށް ބަދަލުވެ، އެ ކްލަބާއެކު އެފްއޭ ކަޕާއި ޔުރޮޕާ ލީގު ކާމިޔާބުކޮށްފައިވާ ޖިރޫ ވަނީ މިހާތަނަށް އެ ކްލަބަށް ކުޅެދިން 76 މެޗުގައި 21 ގޯލު ކާމިޔާބުކޮށްފައެވެ.

ޗެލްސީއާއެކު ހޭދަކުރި ފުރަތަމަ ސީޒަން ކާމިޔާބުކޮށް ދިޔަ ނަމަވެސް ފްރެންކް ލަމްޕާޑް އެ ކްލަބުގެ ކޯޗުކަމާއި ހަވާލުވި ފަހުން ޖިރޫ އަށް އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުސަތު ހޯދުމުގައި ވަނީ ހުރަސްތަކަކާ ކުރިމަތިވެފައެވެ. ޖިރޫގެ ބަދަލުގައި މިހާރު ޓީމުން ފުރުސަތު ލިބެނީ ޒުވާން ކުޅުންތެރިޔާ ޓެމީ އަބްރަހަމް އަށެވެ. ނަމަވެސް މިދިޔަ ޖެނުއަރީ މަހު އަބްރަހަމް އަށް އަނިޔާވެ ގިނަ ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުމުން ލަމްޕާޑް ވަނީ ޖިރޫ އަށް ފުރުސަތު ދީފައެވެ. އެ މެޗުތަކުގައި އޭނާ ވަނީ މުހިއްމު ގޯލުތަކެއް ވެސް ޖަހައިފައެވެ.