އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަންގައި ޕްރިމިއާ ލީގު މެޗުތައް އަލުން ފަށަން އަދި މާ އަވަސް ކަމަށް ލަންޑަންގެ މޭޔަރު ސޯޯދިގު ހާން ވިދާޅުވެއްޖެއެވެ.

މުޅި ދުނިޔެއަށް ފެތުރިފައިވާ ކޮވިޑް-19 އާ ހެދި އިނގިރޭސިވިލާތުގައި ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލީ މިދިޔަ މާޗް މަހުގެ 12 ވަނަ ދުވަހުއެވެ. އާސެނަލްގެ ކޯޗު މިކެލް އާޓެޓާ އާއި ޗެލްސީގެ ވިންގާ ކަލުމް ހަޑްސަން-އޮޑޯއީ އަށް ކޮވިޑް-19 ބަލި ޖެހުމާ އެކު އިނގިރޭސި އެފްއޭ އިން ނިންމީ މާޗް މަހުގެ 30 ވަނަ ދުވަހާ ހަމައަށް ލީގު މެދުކަނޑާލުމަށެވެ.

މި ސީޒަން ކުރިއަށް ގެންދެވޭނެ މާހައުލެއް ގާއިމްކުރެވޭނެ އިރެއް ޔަގީންކަމާ އެކު އެއްވެސް ފަރާތަކަށް ބުނަން ނޭނގޭތީވެ ލީގު ފެށޭނެ ސީދާ ތާރީހެއް އޮތީ އަދި މިހާތަނަށް އޮތީ ކަނޑަނޭޅިއެވެ. ޔޫރަޕްގައި ވައިރަސް ޖެހޭ މީހުންގެ އަދަދު އަދިވެސް ކޮންޓްރޯލް ނުވާތީވެ އިނގިރޭސި އެފްއޭ އިން އެންމެ ފަހުން ނިންމާފައިގޮތުން ލީގާއި އެހެނިހެން މުބާރާތްތައް އަލުން ފަށާނީ ވައިރަސް ފެތުރުން ހަމައަކަށް އެޅި ހާލަތު މުޅިން ރަނގަޅުވީމައެވެ. އެ އިދާރާ އިން މިހެން ނިންމާފައިވަނީ ކްލަބުތަކާއެކު މަޝްވަރާ ކުރުމަށްފަހުއެވެ.

ލީގު ފެށުމަށް ކުރަމުން އަންނަ މަސަތްކަތަށް އަލިމަގެއް ލިބިގެންދިޔައީ އަންނަ މަހު އިނގިރޭސިވިލާތުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް އެގައުމުގެ ސަރުކާރުން ހުއްދަ ދިނުމުންނެވެ. ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ޖޫން މަހުގެ އެއްވަނަ ދުވަހަށްފަހު ސަޕޯޓަރުން ނުވައްދައި، އެ ގައުމުގައި ކުޅިވަރު ހަރަކާތްތައް އަލުން ފެށުމަށް ހުއްދަ ދީފައެވެ.

ޖޯންސަންގެ މި ނިންމެވުމާއި ދެކޮޅަށް ވާހަކަ ދައްކަމުން ލަންޑަންގެ މޭޔަރު ސޯދިގު ހާން ވިދާޅުވީ އަމާޒަކީ ވީހާވެސް އަވަސް މުސްތަގްބަލެއްގައި ޕްރިމިއާ ލީގާއި އެހެނިހެން ކުޅިވަރު ހަރަކާތްތައް ފެށުން ކަމަށާއި އެހެންނަމަވެސް އަދިވެސް ވައިރަސް ފެތުރުން މުޅިއެކުން ކޮންޓްރޯލް ނުވާތީވެ އެގައުމުގައި އަދި ހާއްސަކޮށް ވެރިރަށް ލަންޑަންގައި ކުޅިވަރު ހަރަކާތްތައް ފަށަން އަދި މާ އަވަސް ކަމަށެވެ.

ޖޫން މަހު ކުޅިވަރު ހަރަކާތްތައް އަލުން ފެށުމުގެ ހުއްދަ އިނގިރޭސިވިލާތުގެ ސަރުކާރުން ދިންއިރު، ޕްރިމިއާ ލީގުގެ މެޗުތައް ސަޕޯޓަރުން ނުވައްދާ ޖޫން މަހުގެ 8 ވަނަ ދުވަހު ފަށައި، ޖުލައި މަހުގެ 27 ވަނަ ދުވަހަށް ލީގު އެއްކޮށް ފުރިހަމަކުރަން އިނގިރޭސި އެފްއޭ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މާޗު މަހު ޕްރިމިއާ ލީގު މެދުކަނޑާލިއިރު، ލީގުގައި ވާދަކުރާ 20 ޓީމުގެ ތެރެއިން 16 ޓީމަކަށް ބާކީ އޮތީ 9 މެޗެވެ. ދެން އޮތް 4 ޓީމަށް އަދި 10 މެޗު އެބައޮތެވެ. ތާވަލުގެ އެއްވަނައިގައި 82 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 25 ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ލީގު ކަށަވަރުކުރަން ލިވަޕޫލަށް ބޭނުންވަނީ އެންމެ 6 ޕޮއިންޓެވެ.