ބަޔާން މިއުނިކްގައި މިވަގުތު ހުރީ އުފަލުން ކަމަށާއި ކައިރި މުސްތަގްބަލެއްގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ޖަރުމަނުގެ ތަޖުރިބާކާރު ޑިފެންޑަރު ޖެރޯމް ބޯޓެންގް ބުނެފިއެވެ.

ބަންގެ ކޯޗުކަމުން ނިކޯ ކޯވަކް ވަކިކޮށް ހަންސީ ފްލިކް އެ މަގާމާއި ހަވާލުވުމުގެ ކުރިން އެ ކްލަބުން ވިއްކާލަން އުުޅުނު ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ބޯޓެންގެ ނަމެވެ. ނިކޯ ކޯވަކްގެ އިރުޝާދުގެ ދަށުން ބޯޓެންގް އަށް ގަވާއިދުން ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ނުލިބޭތީ ކްލަބް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ވެސް ބޯޓެންގް މީގެ ކުރިން ދިނެވެ.

ނަމަވެސް ހާލަތު ބަދަލުވީ އާ ކޯޗު ހަންސީ ފްލިކް ޓީމާއި ހަވާލުވި ހިސާބުންނެވެ. ހަންސީގެ ދަށުން ބޯޓެންގް އަށް މި އަހަރު ގެއްލިފައިވަނީ ބުންޑެސްލީގާގެ އެންމެ މެޗެކެވެ. އެއީ ކާޑު ހަމަވުމުގެ ސަބަބުން ކުރިމަތިވި ސަސްޕެންޝަނަކާ ހެދި ގެއްލުނު މެޗެކެވެ.

ހަންސީގެ އިރުޝާދުގެ ދަށުން ބޯޓެންގް ފަހަކަށް އައިސް ރަނގަޅު ކުޅުމެއް ދެއްކިއިރު އޭނާ ބުނީ ކުރިން ހާލަތު ތަފާތުވިޔަސް މިހާރު ކްލަބުގައި ހުރީ އުފަލުން ކަމަށެވެ. އަދި ކޯޗުގެ އިތުބާރު އޭނާ އަށް ފުރިހަމަ އަށް އޮތުމުން އޭގެ އަސަރު އޭނާގެ ކުޅުމަށްވެސް ކުރާ ކަމަށެވެ.

"ހަންސީ އަށްވުރެ ކުރިން އަހަރެން އައީ މުސްތަގްބަލާ މެދު ވިސްނަމުން. އެކަމަކު މިހާރު އަހަރެން ބަޔާނުގައި މިހިރީ އުފަލުން. އަހަރެންގެ ފޯކަސް މިވަގުތު ހުރީ ކްލަބަށާއި މިސީޒަނަށް. ހަގީގަތުގަ ދަނޑުމަތީގަ އެދެވޭ ކުޅުމެއް ގަވާއިދުން ދެއްކުމަށް ކޯޗާއި މުޅި ޓީމްގެ އިތުބާރު ކުޅުންތެރިޔާ އަށް އޮންނަންވާނެ. ހަންސީގެ ކުރިން ވެސް އަހަރެން އައީ ވަރަށް ރަނގަޅަށް ފަރިތަކުރަމުން. އެކަމަކު ކުޅެން ފުރުސަތެއް ނުލިބޭ،" ބޯޓެންގް ބުންޏެވެ.

އުމުރުން 31 އަހަރުގެ ބޯޓެންގް ހޯދުމަށް އިނގިރޭސިވިލާތުގެ އާސެނަލް އާއި ޗެލްސީ އިން ވަނީ މަސައްކަތްކޮށްފައެވެ.

ބޯޓެންގް ބަޔާނަށް ބަދަލުވީ މެންޗެސްޓާ ސިޓީ އާއެކު އެއް އަހަރު ހޭދަކުރުމަށްފަހު 2011 ވަނަ އަހަރުއެވެ. ބަޔާނާއެކު ބޯޓެންގް ވަނީ ޖަރުމަނު ލީގް މިހާތަނަށް ހަތް ފަހަރު އަދި ޖަރުމަން ކަޕް ހަތަރު ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ބޯޓެންގް އަކީ 2013-14 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގް ބަޔާނަށް ކާމިޔާބުކޮށްދިނުމުގައި އެންމެ މުހިއްމު ރޯލެވެ.